ފުވައްމުލަކުގައި ދެ ދަރިވަރަކަށް ވަޅިން ހަމަލާ ދީ މިއަދު ޒަހަމްކޮށްލި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށް އެރަށުގައި މިއަދު ހިންގި ވަޅި ހެރުމުގެ ދެވަނަ ހަމަލާއަކާ ގުޅިގެން އިތުރު ފަސް މީހަކާއެކު 10 މީހަކު ހައްޔަރުކޮށްފި އެވެ.

ހެނދުނު ދެ ކުއްޖެއްގެ ގަޔަށް ވަޅި ހެރި ހާދިސާއާ ބެހޭ ގޮތުން ފުލުހުން ބުނީ އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހުން ނަކީ ކުޑަކުދިން ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

ފުވައްމުލަކުން މިއަދު އިތުރު ފަސް މީހަކު ހައްޔަރުކުރީ ވެސް ވަޅި ހެރުމުގެ ހަމަލައަކާ ގުޅިގެނެވެ. ފުލުސް މީޑިޔާ އޮފިޝަލު މިރޭ ވިދާޅުވީ ހެނދުނު ދެކުއްޖަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައި ވަނިކޮށް ހަ މީހުންގެ ގްރޫޕަކުން މެންދުރެއްހާއިރު އެ އަތޮޅު ހޯދަޑު އަވަށުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އެ ހަމަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރި އިރު އިތުރު މީހަކު ހޯދަން ފަށާފައިވާ ކަމަށެވެ.

ފުލުސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް އޭނާގެ ޓުވިޓާގައި ފުވައްމުލަކުގެ ހާދިސާއާބެހޭ ގޮތުން ވިދާޅުވެފައި ވަނީ މިއަދު ވަޅިން ދެ ކުއްޖަކަށް ދިން ހަމަލާ ތަހުގީގު ކުރުމަށް ފުލުހުންގެ ޑިޓެކްޓިވުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިއަދު ހެނދުނު 9:30 އެހާކަން ހާއިރު ފުވައްމުލަކުގައި ގުރޫޕަކުން ފުރަތަމަ ވަޅި ޖަހާ ވަރަށް ބޮޑަށް ޒަހަމް ކޮށްލީ ސްކޫލް ނިންމާފައި އައި 16 އަހަރާއި އަދި 15 އަހަރުގެ ދެ ކުދިންނެވެ. އެ މާރާމާރީގައި ޒަހަމްކޮށްލި 16 އަހަރުގެ ކުއްޖާއަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ޓެސްޓު ނިންމާފައި މިއަދު ގެއަށް ދަނިކޮށް ގްރޫޕަކުން ދިމާކޮށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ހާދިސާ ތަހުގީގުކޮށް، ކުށްކުރި މީހުންނަށް އަދަބު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ މިއަދު ގޮވާލައި ނޫސް ބަޔާނެއް ވަނީ ނެރެފަ އެވެ. މިއީ މިފަދަ މައްސަލައެއްގައި އެޑިއުކޭޝަނުން ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ.