މޯލްޑިވްސް ކަސްޓަމްސް ސާވިސް ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި މިއަހަރުގެ މިހާތަނަށް އަތުލައިގަތް މަސްތުވާތަކެތީގެ އަގު 1.72 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފި އެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވަން މިއަހަރު ހިންގާ ހާއްސަ އޮޕްރޭޝަންތަކާބެހޭ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރަން ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޗީފް ކަސްޓަމް އޮފިސަރު އަހުމަދު ސިމާހު ވިދާޅުވީ މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ ހަތް މައްސަލައެއްގައި 2.1 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ އަގު ގާތްގަނޑަކަށް 1.72 މިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ.

ދެހާސް ދިހަވަނަ އަހަރު 8.9 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތެވެ. މިދިޔަ އަހަރު 6.3 ކިލޯގްރާމްގެ މަސްތުވާތަކެތި އެކި ހާދިސާތަކުގައި އަތުލައިގަތެވެ.

އޭނާ ވިދާޅުވީ މި އޮޕަރޭޝަންތަކުގައި މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި މާލޭގެ ކޮމާޝަލް ހާބަރާއި ސިނާއީ ރަށް، ތިލަފުށީ ކަނޑުގެ ސަރަހައްދަށް އަމާޒުކޮއްގެން ފުލުހުނާއި ކަސްޓަމާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖެއިން ބޭރަށް ދަތުރުކުރި 11 އުޅަނދަކާއި އެފަދަ އުޅަނދުތަކަށް ކައިރިކުރި 32 ދޯންޏެއް ބަލައި ފާސްކޮށްފައިވާއިރު ހަ ފްލައިޓާއި 67 ކޮންސައިންމެންޓާއި 23 ވެހިކަލާއި 560 މީހުން ފާސްކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ސިމާހު ވިދާޅުވީ މި މަހުގެ ދެވަނަ ދުވަހު ރާއްޖެ ބަނދަރުކުރި ރާއްޖޭގެ ބޯޓެއް ކަމަށްވާ "ރައިނާ" ބަލާ ފާސް ކުރި އިރު އެބޯޓުގެ ވަޒީފާގައި އުޅޭ ހއ. ދިއްދޫ އަލިމަސްގޭ، އަދުނާން މޫސާ 55، އެ ބޯޓުގައި ނިދާ ގޮދަޑީގެ ދަށުން ހަޝިޝް އޮއިލް އަޅާފައި ހުރި 12 ދަޅު ފެނިފައިވާ ކަމަށާއި އަދި މިމަހުގެ ހަތަރު ވަނަ ދުވަހު "އެފްވީކޭ އަކްރަމް" ޗެކްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 8.14 ކިލޯގެ ތަކެތި ފެނުނު ކަމަށެވެ. ހަމަ އެބޯޓުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ ދެ ކުރޫއެއްގެ އަތުން 19.4 ގުރާމްގެ އޯޕިއޭޓްސް (އަފިހުން) ފެނިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޮޕަރޭޝަންތަކުގައި ބޯޓްތައް ޗެކްކުރުމުގެ ތެރޭގައި މިމަހުގެ ހަތްވަނަ ދުވަހު ރާއްޖެއައި "އެމްވީ މުއްތަޕައިނިއާ" ބޯޓް ގައި މަސައްކަތްކުރާ ސްރީ ލަންކާގެ މީހެއްގެ ކޮޓަރީގައި ހުރި ވީސީއާރެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ 13.6 ކިލޯގެ ކެނަބިސް ވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ.

ވައިގެ މަގުން ބަލާ ފާސްކުރުމުގެ ތެރެއިން ފެބްރުއަރީ 12 ވަނަ ދުވަހުގެ ހެނދުނު ސްރީލަންކާ ކޮލަމްބޯއިން ރާއްޖެއައި ޕާކިސްތާނުގެ އިމްތިޔާޒު ހާން ނަމަކަށް ކިޔާ މީހަކު ދިރުވާލައިގެން އެތެރެކުރަން އުޅުނު 55 ބްލެޓްގެ މަސްތުވާތަކެއްޗާއި ހަމަ އެގައުމުގެ އިޝްފާގް ދިރުވަލައިގެން އެތެރެކުރަން އުޅުނު 82 ބްލެޓް އަތުލައިގަތް އިރު އަދި މާޗް މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ޓްރެވިންޑްރަމުން ރާއްޖެއައި ދިވެއްސަކު ދިރުވާލައިގެން އެތެރެކުރަން އުޅުނު 76 ބުލެޓް އަތުލައިގެން ގަތެވެ. އެމީހުންގެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު މިހާރު ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. މިއީ ކުރިން މައުލޫމާތު ހިއްސާކޮށްފައިވާ ދެ މައްސަލައެކެވެ.

"އަޅުގަނޑުމެންގެ ވަނީ މިމަހުގެ ދިހަ ވަނަ ދުވަހު މަތިންދާބޯޓް ސާފުކުރަންމަށްފަހު އެނބުރިދިޔަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ވެހިކަލެއް ބަލާ ފާސްކުރުމުގެ ތެރޭ އަށް ފުޅި ބަނގުރަލާއި ދެ ދަޅު ބިޔަރުވެސް އަތުލާފަ،" ސިމާހު ވިދާޅުވި އެވެ.