19 Nov 2023, 22:49
މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ކައުންސިލަރުކަމުގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވައިފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ޝަމްނާޒް އިސްތިއުފާ ދެއްވީ، މުލީއާގޭގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެލެއްވުމަށެވެ.
ޝަމްނާޒްއަކީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ މެންބަރެއް ވެސްމެއެވެ.
ޝަމްނާޒް އިސްތިއުފާދެއްވިއިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނަސީރު (އައްޅޯ) ވެސް އިސްތިއުފާ ދެއްވައިފައެވެ.
މި ދެ ބޭފުޅުން ވެސް ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވައިފައެވެ.
މި ދެ ބޭފުޅުންނަކީ ޑރ. މުއިއްޒުގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. އެ މަނިކުފާނު އިންތިޚާބުވުމާއެކު ވެސް އަދި ކެމްޕޭނު ތެރޭގައި ވެސް އެ ދެ ބޭފުޅުން ގެންދެވީ އެ މަނިކުފާނާ ވަރަށް އަރިހުގައި މަސައްކަތް ކުރައްވަމުންނެވެ.
އައު ސަރުކާރުގެ އެކި މަގާމުތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒ ގެންދަވަނީ ބޭފުޅުން އައްޔަން ކުރައްވަމުންނެވެ.