ހަށިވިއްކުމާ ފާހިޝް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ ގިނަ ތަންތަން މިހާރު ބަންދުކޮށްފައިވާ ކަމަށާއި ތުހުމަތު ކުރެވޭ އެފަދަ ތަންތަނުގެ ލިސްޓެއް އަދިވެސް އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ކުރީގެ ސަރުކާރުގެ ސިޔާސަތު އޮތް ގޮތުން އެފަދަ ތަންތަނާމެދު އޭރު ފުލުހުން ފިޔަވަޅު ނޭޅިނަމަވެސް ސަރުކާރު ބަދަލުވުމަށްފަހު، ތުހުމަތުކުރެވޭ އެފަދަ ތަންތަނާއި މެދު ފުލުހުން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

"އޭގެ ތެރެއިން ގިނަތަންތަން މިހާރު ބަންދުވެސް ކޮށްފި. ލިސްޓުގައި ތުހުމަތު ކުރެވޭ ތަންތަން އަދިވެސް އެބަހުރި،"

މިނިސްޓަރު ވިދާޅުވީ މި މައްސަލަ ކޮޅެއްގައި ޖެއްސުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި އޯލްޓަނޭޓިވް މެޑިސިން ސެންޓަރުތަކާއި ބިއުޓީ ޕާލާ ފަދަ ތަންތަން ރަޖިސްޓްރީކޮށް ހިންގުމާއި ބެހޭ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ވޭތުވެ ދިޔަ 100 ދުވަހު އެ މިނިސްޓްރީން ކުރި މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ އެފަދަ ތަންތަން ހިންގުމާއި ގުޅޭ އޮނިގނޑު ތައްޔާރު ކުރަނީ އެއްވެސް ތަނެއްގައި ފާހިސު އަމަލެއް އެއްވެސް ވަރަކަށް ހިންގާނެ ޖާގައެއް ނުދެވޭ ގޮތަށް ކަމަށެވެ.

"އެބާވަތުގެ އަމަލެއް ހިންގަން އެއްވެސް ޖާގައެއް ނުދެވޭ ގޮތަށް، އެއީ ރާއްޖޭގައި ހިންގާ އެފަދަ ތަންތަން ހިންގުމުގެ ކަންކަން ހަމައަކަށް އެޅުވުން ބޭނުމަކީ. އެފަދަ ތަންތަނަކީ ސީދާ މިތާނގެ ދަށުން ހިންގާ ތަންތަނެއް ނޫން. އެހެން ނޫންނަމަ އެއްވެސް ކަމެއް ނޫން އެފަދަ ބާވަތުގެ ތުހުމަތުކުރެވޭ ތަންތަނާއު މެދު ފިޔަވަޅު އެޅުމަށް،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"މިފަދަ ކަންތައްތައް ރާއްޖޭގައި ހިންގުމަކަށް ފުރުސަތެއް ނުދޭނަން. އަދި ގަވާއިދެއްގެ ދަށުން ވިޔަސް [ފާހިޝް އަމަލު ހިންގާ]އެފަދަ ކަމެއް ކުރާ އެއްވެސް ތަނެއް ރާއްޖެއަކު ނުހިންގޭނެ،" ޝަހީމް ވިދާޅުވި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި ސީދާ މަސާޖު ޕާލާތައް ނުހިންގި ނަމަވެސް އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުގެ ތެރެއިން އެފަދަ ފާހިސް އަމަލު ހިންގަން މަގުފަހިކުރުވާ ކަމަށާއި އެފަދަ ތަންތަން މޮނިޓާ ކުރެވޭ ގޮތަށް އޮނިގަނޑު ހައްދަވާނެ ކަމަށެވެ.

"އެފަދަ ކަންތައްތައް ކުރަނީ އާމްދަނީ ހޯދަން ކުރެވޭ ބައެއް މަސައްކަތްތަކުގެ ތެރެއިން އެފަދަކަންތައް ތައް މޮނިޓާކުރެވޭނެ ގޮތެއް ހޯދޭތޯ މިބަލަނީ. އެގޮތުން ބިއުޓީ ސެލޫނުގެ ނަމުގައި ވެސް އެފަދަ ކަންކަން ކުރާ ތަންތަން ހުރޭ. އެއީ ބެލެނިވެރިއަކުނެތި ކުރެވޭ މަސައްކަތްތަކެއް. އެހެންވީމަ އެފަދަ ތަންތަން ރެޖިސްޓްރީކޮށް ބެލެނިވެރިއަކު ހުންނަ ގޮތަށް އެތަންތަނުގެ ގަވާއިދު އިސްލާހުކުރެވޭތޯ ބަލާނަން،" ދީދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޯލްޓަނޭޓިވް މެޑިސިން އާއި ބިއުޓީ ޕާލާ ފަދަ ތަންތަނުގައި މަސައްކަތް ކުރެވޭނެ ވަކި އުސޫލެއް ތައްޔާރުކުރުމަށް ފަހު އެފަދަ މަސައްކަތްތައް ކުރެވޭ ވަކި މިންގަނޑުނޑުތަކެއް ކަނޑައަޅާނެ ކަމަށެވެ. އެގޮތުން އެފަދަ އުސޫލެއް ގާއިމުކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީއާއި ޓޫރިޒަމާއި ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

މާލޭގައި މިހާތަނަށް ބިއުޓީ ސެލޫންފަދަ ނަންނަމުގައި ހިންގަމުން ދިޔަ ތަންތަނުގެ ތެރެއިން ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހަތް ތަނެއް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ފަހުން ވަނީ ފުލުހުން އަތުލައިގަނެ ބަންދުކޮށްފަ އެވެ.