19 Nov 2023, 18:29
ސަރުކާރުގެ ރަސްމީ އޮފީސްތަކާއި އިދާރާތަކުގައި 24 ގަޑިއިރު ދިވެހި ގައުމީ ދިދަ ނަގައިފައި ބަަހައްޓަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި، މި ސަރުކާރުގެ އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަ ސެކްރެޓަރީ ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ރައީސްގެ އެންމެ ފުރަތަމަ ތަގުރީރުގައި ވެސް ގައުމީ ދިދައަށް ދެއްވާނެ ގަދަރާއި ޝަރަފު ބަޔާންކޮށްދެއްވައިފައިވާ ކަމަށެވެ.
އެއާއެކު ރައީސް ނިންމެވީ 24 ގަޑިއިރު ދިވެހި ދިދަ ނަގައިފައި ބަހައްޓަންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ވަޒީރުންގެ ގެކޮޅާއި، ކާރުކޮޅުތަކުގައި ވެސް ދިދަ ނަގައިފައި ބަހައްޓަން ނިންމަވައިފައިވާކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.
"އަދި ހަމައެއާއެކު އޭގެ އިތުރަށް ނިންމަވައިފައިވޭ ސަރުކާރުގެ ވަޒީރުންގެ ގެކޮޅުތަކުގައި ވެސް ދިވެހި ދަދަ ނަގައިފައި ބެހެއްޓުމަށް. މީގެ އިތުރުން ވަޒީރުންގެ ކާރުކޮޅުތަކުގައި ވެސް ވަޒީރުން ތިއްބަވާ ވަގުތުތަކުގައި ދިވެހި ދިދަ ވިހުރިލަ ވިހުރިލަ ހުންނާނެކަން އަޅުގަނޑު ފާހަގަކުރަން ބޭނުން،" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅުގައި ގައުމީ ދިދައަކީ ގައުމެއްގެ ގޮތުގައި ދިވެހި ރައްޔިތުން ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާންކަމަށެވެ. އެ ނިންމެވުން އެ މަނިކުފާނު ނިންމެވީ އެހެންވެކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ދިދަ މުޖުތަމައު ތެރޭގައި ބޭނުންކުރާ މިންވަރު އިތުރުކޮށް، ދިދައަށް އޮންނަ ޝަރަފު ދެމެެހެއްޓުމަކީ ވެސް އެ ނިންމެވުމުގެ ބޭނުމެއްކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ހުވާކުރެއްވުމަށްފަހު ރައީސް ދެއްވި އެންމެ ފުރަތަމަ ތަގުރީރުގައި އެ މަނިކުފާނުވަނީ ދިވެހި ދިދައަށް ނިސްބަތްކުރައްވާ ގައުމީ ވާހަކަފުޅުތަކެއް ދައްކަވައިފައެވެ. އެގޮތުން އެ ދިދަ ރަމްޒުކޮށްދެނީ ގައުމުގެ ބަޠަލުންނާއި، ގައުމު ބިނާކުރި ކާބަފައިންކަމަށް ވިދާޅުވެފައިވެއެވެ.
އައު ސަރުކާރުގެ މުހިންމު އެއް ސިޔާސަތުގެ ތެރޭގައި ގައުމިއްޔަތު ދިރުވައި އާލާކުރުން ހިމެނެއެވެ. އެ ކަމަަށް ޓަކައި ޚާއްސަ މިނިސްޓްރީއެއް ވެސް މިހާރު ވަނީ އުފައްދައިފައެވެ.