ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރަން "ވިޒިޓާ އިކޮނޮމިކް ކައުންސިލް"ގެ ނަމުގައި އާ ކައުންސިލެއް އުފައްދައިފިއެވެ.

މި ކައުންސިލް، އިސްވެ ހުންނަވާ ކުރިއަށް ގެންދަވާނީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދުގެ އެންމެ މައި އަސާސަކީ ފަތުރުވެރިކަން ކަމަށްވުމުން އެ ސިނާއަތަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

އެހެންކަމުން އަލަށް އުފެއްދި މި ކައުންސިލަކީ ފަތުރުވެރިކަން ކުރިއަރުވާ އިތުރު ހަރުފަތަކަށް ގެންދިޔުމަށް އުފެއްދެވި ކައުންސިލެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ފަތުރުވެރިކަން ސިންދަފާތުކޮށް ޑައިވާސިފައި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ބޭނުމަކީ. މިއަދު ފަތުރުވެރިކަން ހަމައެކަނި ބަރޯސާވެފަ ވަނީ ލެއިޝާ ފަތުރުވެރިކަމަށް. މީގެ އިތުރުން ސިއްހަތާ ބެހޭ ފަތުރުވެރިކަން، ތައުލީމާ ބެހެ ފަތުރުވެރިކަން، ދަތުރުފަތުރުގެ ފަތުރުވެރިކަން، މިހެން ގޮސް އެކި ބާވަތްތަކުގެ ފަތުރުވެރިކަން ފުޅާކުރުމަށް މި ކައުންސިލުން މަސައްކަތްތަކެއް ކުރައްވާނެ،" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެ ކައުންސިލް މެދުވެރިކޮށް ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި އާ ހަރުފަތަކަށް ގެންގޮސް އެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެ ކައުންސިލުން އިތުރަށް ފޯކަސް ކުރަމުން ގެންދާނެ ކަމަށެވެ.

ހަމައެއާއެކު މީގެ ކުރިން ވެސް ހިންގަމުން އައި އިކޮނޮމީ ކައުންސިލާއި ސޯޝަލް ކައުންސިލް ކުރިއަށް ގެންދަވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ސޯޝަލް ކައުންސިލް އިސްވެ ހިންގަވާނެ ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފެވެ. އަދި އިކޮނޮމީ ކައުންސިލް އިސްވެ ހިންގަވާނީ އިޤުތިޞާދާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.