19 Nov 2023, 16:17
ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމުވެ އެބަތިބި ކަމަށާއި އަދި އެ ގައުމާ އެކު ކުރީ ސަރުކާރުން 100 އަށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ މިހާތަނަށް ސަރުކާރުން ހޯދި ހޯދުމުން ރާއްޖޭގައި 77 އިންޑިއާ ސިފައިން ތިބިކަން ހާމަވެފައިވާ ކަމަށެވެ.
އޭނާ ވަނީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތަފުސީލުތައް ވެސް ހާމަކޮށްފައެވެ. އެގޮތުން:
ފުރަތަމަ ހެލިކޮޕްތަރު ބަލަހައްޓަން - 24 ސިފައިން
- ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިން
- ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން - 26 ސިފައިން
- މެއިންޓެނެންސާއި އިންޖިނިއަރިންއަށް - އިތުރު ދެ ސިފައިން
ފިރުޒުލް ވިދާޅުވީ، އެ ހުރިހާ ސިފައިން ވެސް އަނބުރާ އިންޑިއާއަށް ފޮނުވައިލުމުގެ މަސައްކަތް ރައީސް މުއިއްޒު ފައްޓަވާފައިވާ ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއިން ވަޑައިގެންނެވި އެ ގައުމުގެ ސައިންސް އެންޑް އާތު މިނިސްޓަރާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލަން އެދިވަޑައިގެންފައެވެ.
ކެމްޕޭން ތެރޭގައި ރައީސް މުއިއްޒު ވެލެއްވި އެންމެ ބޮޑު ވައުދުފުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ. އަދި، އިންޑިއާއާ އެކު މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ދިރާސާކޮޮށް، ހާމަކުރަން ޖެހޭ ކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށް ވެސް ރައީސް އޭރު ވިދާޅުވިއެވެ.
ފިރުޒުލް މިއަދު ވިދާޅުވީ، ކުރީ ސަރުކާރުން އިންޑިއާއާ އެކު 100 އަށް ވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށެވެ. އެ އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ އެއްބަސްވުންތަކުގެ ތެރޭގައި ހަމަނުޖެހުންތައް ބޮޑުވި، އުތުރުތިލަފަޅުގެ އެއްބަސްވުމާއި އެ ނޫން ވެސް ބައެއް އަސްކަރީ ކަންކަމާ ގުޅޭ އެއްބަސްވުންތައް ވެސް ހިމެނެއެވެ.
ކުރީގެ އެމްޑީޕީ ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ދެކޮޅު ހައްދަވައިފައެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތައް ބަލަހައްޓަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ، އެ މީހުން އަނބުރާ ގެންދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް އެންގިއެވެ. އެކަމަކު، އޭރު އިންޑިއާ ސިފައިން ނުދިޔައެވެ.
އިދިކޮޅުގައި އޮތް އިރު، ޕީޕީއެމް/ޕީއެންސީން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ އިންޑިއާއާ އެކު ކުރީ ސަރުކާރުން ބޭއްވި ގުޅުމާ މެދުގައެވެ. އަދި، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންނާ މެދުގައެވެ.