ނ. ޅޮއްސަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ކަނޑުމަތިން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރީ ނ. ޅޮހި ވައިޖެހޭގޭ، ޢަބްދުﷲ މުޙައްމަދު 24، އެވެ.

ފުލުހުން ބުނީ މިދިއަ އަންގާރަ ދުވަހު ޅޮއްސަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމުން ނ. މަނަދޫގައި ތިބޭ ފުލުހުން ހިންގި އޮޕަރޭޝަންގައި ޢަބްދުﷲ ހައްޔަރު ކުރީ އިންޖީނުލީ ކުޑަ ދޯންޏެއްގައި ޅޮއްސަށް ދަތުރުކުރަމުން ދަނިކޮށް ކަނޑުމަތިން ކަމަށެވެ.

އަދި ބުނީ އޭނާ ދަތުރުކުރި ދޯންޏާ ފުލުހުން ކައިރި ކުރުމުން އޭނާ ކަނޑަށް އެއްލައިލި ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒްގެ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ކޮތަޅެއް ފެނުނު ކަމަށެވެ.

އޭނާ ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޓީއެޗްސީއަށް ޕޮޒިޓިވްވި ކަމަށާއި އޭނާއަކީ ކުރިން ވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.