އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތިން މެންބަރުން ޖެއްސުން ކުރައްވާ ކަމަށް ވިދާޅުވެ، އިސްތިއުފާއާ މެދު ވިސްނަވަމުން އަންނަ ކަމަށް، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ.

ފަސް މެންބަރުން ތިއްބަވާ އީސީގެ ތިން މެންބަރުން ކަމަށްވާ ޑރ. މުހައްމަދު ޒާހިރާއި އަލީ ނަޝާތުގެ އިތުރުން މުޙައްމަދު އާސިފާއި ފުއާދާ ގުޅުން ގޯސްވީ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރި މަރުހަލާގެ ތެރޭގައެވެ. އެ ޕާޓީ ރަޖިސްޓްރީ ކޮށްދިނުމާމެދު މެންބަރުގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދި ޕްރޮސެސް ލަސްވެގެންދިޔައެވެ. އޭރު ތުހުމަތު ކުރީ ފުއާދު ޑިމޮކްރެޓްސް ކޮޅަށް ހުންނަނީ ކަމަށެވެ.

ނަމަވެސް އީސީގެ ރައީސް ފުއާދު، މިއަދު "ސަން"އަށް ވިދާޅުވީ އެ ތިން މެންބަރުން އޭނާއާ ވަރަށް ބޮޑަށް "ދިމާކޮށްލައިގެން" އުޅޭ ކަމަށާއި މަސައްކަތްތަކުގައި އެއްބާރުލުން ނުދެއްވާ ކަމަށެވެ.

"އެހެންވެ އޮފީސް ހިންގަން ވަރަށް ދަތި. ފަސް މެންބަރުން ތިއްބަވާއިރު ތިން މެންބަރުން އެއްބާރުލުން ނުދެއްވާނަމަ ވަރަށް ދަތިވާނެތާ. ހަމަ ޖަލްސާއެއް ބާއްވަން އުޅުނަސް ތިން މީހުން އެއްވެލާފައި ނައިސްސިއްޔާ ޖަލްސާއެއް ވެސް ނުބޭއްވޭ ކޯރަމް ހަމަ ނުވެގެން،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދި އިސްތިއުފާ ނުދެއްވި ނަމަވެސް އަމަލު ކުރާނެ ގޮތަކާމެދު ވިސްނަމުން އަންނަ ކަމަށެވެ.

"އަދި ކޮންމެ ގޮތެއްވިޔަސް ރިޓަޔާ ކޮށްފައި ގޭގައި ހުންނާކަށް އަޅުގަނޑު ނުވިސްނަން. އަޅުގަނޑަށް އެކަށީގެންވާ ރަނގަޅު މަގާމެއް އެހެން ދިމާލަކުން ލިބިއްޖެއްޔާ އެ ހިސާބުން އަޅުގަނޑު އެ ދިމާލަކަށް ދިއުމުގެ ވިސްނުން އެބަހުރި،" ފުއާދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ކުރިމަތިވިއިރު މެންބަރުގެ ތެރޭގައި މި މައްސަލަ ބޮޑުވެފައި އޮތް ނަމަވެސް އިންތިޚާބުގެ ކަންކަން ދިޔައީ ވަރަށް އަމާންކޮށެވެ. އީސީގެ އިންތިޒާމުތައް ރަނގަޅު ވެގެން ބައިނަލްއަޤުވާމީ ފަރާތްތަކުންނާއި ދިވެހިން ވެސް އެ ކޮމިޝަނަށް ތައުރީފު ކުރިއެވެ.

އަންނަ އަހަރަކީ ވެސް އީސީއަށް ބުރަ އަހަރެކެވެ. އެއީ ރައްޔިތުން މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭތީއެވެ.