ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފުތާ (98 ދުވަސް) ގުނާނީ ބަންދު ދުވަސްތައް ލައިގެން ކަމަށާއި ރައީސްގެ އަމާޒަކީ ކޮންމެ ދުވަހަކީ ވެސް ނަތީޖާ ނެރެން މަސައްކަތް ކުރާ ދުވަހަކަށް ހެދުން ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމާ ހަވާލުވާތާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރަން އަމާޒުހިފައެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ވެސް ފުރަތަމަ 100 ދުވަހު ގިނަ ވައުދުތަކެއް ފުއްދުމަށް އަމާޒުހިފިއެވެ. ފަހުން ބައެއް ކަންކަން ނުވެ ދިއުމާ އެކު އެ ސަރުކާރުން ހާމަ ކުރިގޮތުގައި އެ ސަރުކާރުގެ ދުވަސްތައް ގުނަނީ ބަންދު ދުވަސްތައް ނުލައި ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ރާއްޖެއަށް ވަރަށް މުހިންމު ގިނަ ކަންތައްތަކެއް ކުރައްވާނެކަން ހުވާ ކުރެއްވުމުގެ ކުރިން ވަނީ އިއުލާން ކުރައްވައިފައެވެ. އޭގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖޭން ބޭލުމުގެ މަސައްކަތް ފެށުމާއި ގެއްލުނު ކަނޑުގެ ބައި ހޯދަން އިސްތިއުނާފަށް ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން، ވެސް ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދައިން ފަރުވާ ދިނުމާއި އަސާސީ ކާބޯތަކެތީގެ އަގުތައް ކަނޑައެޅުމުގެ އިތުރުން އިޤުތިސާދީ މަސައްކަތްތަކެއް ފެއްޓެވުން ހިމެނެއެވެ.

ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލް މިއަދު "ސަން"އަށް ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވަނީ ކޮންމެ ދުވަހަކީ ވެސް ނަތީޖާ ނެރެން މަސައްކަތް ކުރާ ދުވަހަށް ހެއްދެވުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކީ ހަމަ ދުވަހެއް. ފުރަތަމަ 14 ހަފުތާގައި ކަންކަން ހާސިލްވި މިންވަރު އަޅުގަނޑުމެން ހާމަ ކުރާނަން. ހާސިލް ނުވިއްޔާ ނުވި ސަބަބު ވެސް އަޅުގަނޑުމެން ހާމަ ކުރާނަން،" މީޑިއާ ދާއިރާގެ ތަޖުރިބާކާރު ޚަލީލް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް މަގާމުގެ ހުވާ ކުރެއްވިއިރު އިއްޔެއަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ރައީސް ގިނަ ވަގުތު އުޅުއްވީ އޮފީހުގައި މަސައްކަތުގައެވެ. އެގޮތުން ރާއްޖޭން ބޭރުން ވަޑައިގެންނެވި އިސްވެރިންނާ އެކު ގިނަ މީޓިންތަކެއް އިއްޔެ ވެސް ބޭއްވެވިއެވެ. އަދި، ރޭ ގަޑިބުރު ހުޅުއްވި ހަފުލާގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.