19 Nov 2023, 15:24
އިޓަލީވިލާތުގެ ޓިއުރިންގައި މިހާރު ކުރިއަށްދާ އޭޓީޕީ ފައިނަލްސްގެ ފައިނަލުން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް އާއި އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން ޖޯކޮވިޗް ޖާގަ ހޯދީ ސެމީފައިނަލްގައި މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ކާލޯސް އަލްކަރާޒާ ބައްދަލުކޮށް ކާމިޔާބުކޮށްގެންނެވެ. މި މެޗު ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު ސީދާ ދެ ސެޓުންނެވެ. އެއީ، ހައެއް ތިނެއް އަދި ހައެއް ދެއަކުންނެވެ. މެޗުގައި ޖޯކޮވިޗްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އަލްކަރާޒަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާކަން ފާހަގަ ވެގެންދިޔައެވެ. ނަމަވެސް މެޗު މިހާ ފަސޭހަކަމާ އެކު ޖޯކޮވިޗަށް ކާމިޔާބު ކުރެވޭނެކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރިއެވެ. މި ސީޒަންގައި މި ދެ ކުޅުންތެރިންވަނީ ހަތަރު ފަހަރު ވާދަކޮށްފައެވެ. އަދި، މީގެ ތެރެއިން ތިން ފަހަރު ވަނީ ޖޯކޮވިޗް ކާމިޔާބު ހޯދައިފައެވެ. އަލްކަރާޒަށް ކާމިޔާބު ލިބުނީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ބުނީ މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު ދެމެޗުގައި އޭނާއަށް އެންމެ ރަނގަޅު ކުޅުން ދެއްކިފައިނުވާ ކަމަށާއި ނަމަވެސް މި މެޗަށް އޭނާ ނިކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެ އެ ކަންކަން ރަނގަޅު ކުރުމުގެ ނިޔަތުގައި ކަމަށެވެ.
މި މެޗުގައި އޭނާއަށް ވަރަށް ރަނގަޅަށް ކުޅެވުނު ކަމަށް ޖޯކޮވިޗް ބުންޏެވެ. މިމުބާރާތުގެ ފައިނަލްގައި ޖޯކޮވިޗް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސިނާއާއެވެ.
މިމުބާރާތުގެ ފައިނަލުން މުބާރާތް ބާއްވާ ޤައުމު އިޓަލީވިލާތުގެ ރައްޔިތުންގެ އުންމިދުތަކާ ގުޅިފައިވާ ސިނާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި މުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވްއާ ބައްދަލުކޮށް ދެ ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ސެޓްތައް ސިނާ ކާމިޔާބުކުރީ ހައެއް ތިނެއް، ހައެއް ހަތެއް އަދި ހައެއް އެކަކުންނެވެ. މި މުބާރާތުގައި ސިނާ އަންނަނީ ވަރަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން މި މުބާރާތުގެ ފައިނަލަށް ސިނާ ދަތުރު ކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި، މިއީ ސީޒަން ނިންމާ މުބާރާތުގެ ފައިނަލުން އިޓަލީވިލާތުގެ ކުޅުންތެރިޔަކަށް ޖާގަ ހޯދުނު ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ޖޯކޮވިޗާއި ސިނާ ވަނީ ގްރޫޕް ސްޓޭޖްގައި ބައްދަލުކޮށްފައެވެ. އެ މެޗު ކާމިޔާބުކުރީ ސިނާއެވެ. މި މުބާރާތުގެ ޑަބަލްސް ފައިނަލުން ޖާގަހޯދައިފާވަނީ އިނގިރޭސިވިލާތުގެ ޖޯ ސަލިސްބަރީއާއި އެމެރިކާގެ ރަޖީވް ރާމްގެ ޓީމާއި އާޖެންޓީނާގެ ހޮރާސިއޯ ޒެނަޔާސް އާއި ސްޕެއިންގެ މާސެލް ގްރަނޮޔާސްގެ ޓީމެވެ.