އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމެއް ނެތި 21 ރަށެއްގައި އިންޖީނުގެ އެޅުމުގެ ސަބަބުން ހަތަރު މިލިއަން ރުފިޔާއިން ފެނަކަ ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެނަކައިން އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކައިނުލައި 21 ރަށެއްގައި އިންޖީނުގެ އެޅި މައްސަލައެއް ބަލާފައިވާ ކަމަށެވެ. އަދި، ބެލުމަށް ފަހު 4،200،000 ރުފިޔާއިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

މި މައްސަލައިގައި ކުރި ތަހުގީގުން ލިބުނު މައުލޫމާތާ އެކު، އަދި ދެ ފަރާތުން ބަދަލުކޮށްފައިވާ ލިޔެކިޔުންތަކުގެ އަލީގައި، އިންޖީނުގެ އެޅުމުގެ މި މަޝްރޫއުތަކަކީ އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ފަށައިފައިވާ މަސައްކަތްތަކެއްކަން އެ އެޖެންސީއަށް ޔަގީން ކުރެވިފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ވެއެވެ.

އީޕީއޭއިން ބުނީ، މީގެ ކުރިން ވެސް އެ އެޖެންސީގެ ގަވާއިދުތަކާ ޚިލާފުވުމުގެ ސަބަބުން ފެނަކައަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ގަވާއިދާ ޚިލާފަށް ފެނަކައިން، އިންޖީނުގެ ހެދުމުގެ އަމަލީ މަސައްކަތްތަށް ފަށާއިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ:

  • ހދ. ފިނޭ

  • ހއ. އުލިގަމު
  • ހއ. އުތީމު
  • ގދ. މާވަރުލު
  • ށ. ފޭދޫ
  • ށ. މާއުގޫދޫ
  • ހއ. ދިއްދޫ
  • ރ. ރަސްގަތީމު
  • ރ. ކިނޮޅަސް
  • ނ. ކެނދިކުޅުދޫ
  • ހއ. މުރައިދޫ
  • ށ. ކޮމަންޑޫ
  • ނ. ފޮއްދޫ
  • ޅ. ކުރެންދޫ
  • ހދ. ކުޅުދުއްފުށި
  • ހދ. ކުމުންދޫ
  • ދ. މީދޫ
  • ލ. މައިބައިދޫ
  • ހއ. މޮޅައިދޫ
  • ގދ. ރަތަފަންދޫ
  • ގއ. ވިލިގިނލި

މި 21 ރަށުގައި ގަވާއިދާ ޚިލާފަށް އިންޖީނުގެ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފައިވާތީ ކޮށްފައިވާ ޖޫރިމަނާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ފެނަކައަށް ވަނީ އަންގައިފައެވެ.

ފެނަކައިގެ ފަރާތުން ކުރިއަށް ގެންދާ ހުރިހާ މަޝްރޫއެއް ވެސް ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދަން އީޕީއޭއިން ވަނީ ގޮވައިލައިފައެވެ.