ޔަޝް ރާޖް ފިލްމްސްއިން ގެނެސްދޭ ވެބް ސީރީސް "ދަ ރެއިލްވޭ މެން- ދަ އަންޓްލޯޑް ސްޓޯރީ އޮފް ބޮޕާލް 1984" ރިލީޒްކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޮމްބޭ ހައިކޯޓުން ބޭރުކޮށް އިއްޔެ ނެޓްފްލިކްސްގައި މި ސީރީސް ރިލީޒްކޮށްފިއެވެ.

ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ވެބް ސީރީސް ރިލީޒްކުރުމަށް މީގެ ކުރިން ވެސް ނިންމާފައި ވަނީ މި މަހުގެ 18ވަނަ ދުވަހަށެވެ.

ވެބް ސީރީސް "ދަ ރެއިލްވޭ މެން- ދަ އަންޓޯލްޑް ސްޓޯރީ އޮފް ބޮޕާލް 1984" ރިލީޒްކުރުމާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ ޔޫނިއަން ކާބައިޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކުރީގެ މުވައްޒަފުން ތަކެކެވެ. އެ މުވައްޒަފުން ނަކީ 1984ވަނަ އަހަރު ހިނގި މި ޙާދިސާއާއި ގުޅިގެން ކުށް ސާބިތުވެ އެ މީހުންގެ މައްސަލަ 2010ވަނަ އަހަރު ނިމިފައިވާ ފަރާތްތަކެކެވެ.

އެހެންނަމަވެސް މި ވެބް ސީރީސްގެ ސަބަބުން އެ ފަރާތްތަކާމެދު އިތުރަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ހައިކޯޓަށް ފަހިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ ސީރީސް ރިލީޒްކުރުން މަޑުޖައްސާލަން ބޭނުންވާ ކަމަށް ކުރީގެ މި މުވައްޒަފުން ވަނީ ބުނެފައެވެ.

ނަމަވެސް ޔާޝްރާޖް ފިލްމްސްގެ ވަކީލުން ވަނީ މި ސިލްސިލާއަކީ ފިކްޝަނަލް އަދި ހަގީގީ ހާދިސާތައް އަސްލަކަށް ބަލައިގެން ގެނެސްދޭ ސިލްސިލާއެއް ކަމަށާއި އެއީ ޑޮކިއުމެންޓްރީއެއް ނުވަތަ ހަގީގަތާ ހިލާފު ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.

ހައިކޯޓުގެ ގާޒީ ވިދާޅުވެފައިވާ ގޮތުން ބޮޕާލްގައި ހިނގި ހާދިސާގައި އިސްތިއުނާފުކުރި ފަރާތްތަކުގެ މައްޗަށް މިހާރުވެސް ކުށް ސާބިތުވެފައިވާ ކަމަށާއި، ޝަރީއަތް ނިމުނީ 2010 ވަނަ އަހަރު ކަމަށާއި ވެބް ސީރީޒް ދެއްކުމުގެ ކުރިން ލިޔެފައިވާ ޑިސްކްލެމާގައި ވެސް މިއީ ހަގީގީ ހާދިސާތައް އަސްލަކަށް ބަލައިގެން އުފައްދާފައިވާ މަސައްކަތެއްކަން ވަރަށް ސާފުކޮށް އެނގޭކަމަށެވެ.

'ދަ ރެއިލްވޭ'ގެ ލީޑް ތަރިން
މި ވެބް ސީރީސް އުފެއްދުމުގެ ކުރިން ޔަޝް ރާޖް ފިލްމްސްއިން ޔޫނިއަން ކާބައިޑްގެ ކުރީގެ ދެ މުވައްޒަފަކަށް މި ސީރީސްއާ ބެހޭ މަޢުލޫމާތު ހިއްސާކުރި ކަމަށާއި ނަމަވެސް އެ މީހުން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމީ އޭގެ އަހަރެއްފަހުން ކަމަށް ވަނީ ބުނެފައެވެ.

މި ވެބް ސީރީސްގެ މުހިއްމު ކާސްޓުންގެތެރޭ އާރް މާދަވަން، ކޭކޭ މެނޮން، ބަބިލް ޚާން އަދި ދިވްޔެންދު ޝަރުމާ ހިމެނެއެވެ.