20 May 2012, 17:41
ސިޔާސީ ކޯޅުމުގެ ތެރޭގައި މިސްކިތްތަކުގެ ހުރުމަތް ކަނޑާ ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އަޅަން ސަލަފު ޖަމިއްުޔާއިން އިލެކްޝަންސްް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ސަލަފްގެ ރައީސް ޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް (ޝައިހް އަބްދުﷲ) ސޮއިކުރައްވާ އިލެކްޝަނަށް ފޮނުވި ސިޓީއެއްގައި ބުނަނީ އިއްޔެ ރޭ ފުރުގާން މިސްކިތް ދޮށަށް އެއްވެ ހަމަނުޖެހުން ހިންގި މީހުންނާ މެދު ފިޔަވަޅު އަޅައި، އެފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ނަސޭހަތްތެރި ވުމަށް އެދޭ ކަމަށެވެ.
ނަމަވެސް އެފަދަ ހަރަކާތްތައް ހިންގާ ޕާޓީއެއްގެ ނަމެއް ސަލަފުގެ ސިޓީގައި ބަޔާންކޮށްފައެއް ނުވެ އެވެ.
"... ޕާޓީތަކުން ދަސްކޮށްދޭ އެއްޗަކީ މުސްލިމު އަހުންނާއި އުހުތުންގެ އަބުރަށް އަރައި ދަނޑުފަނގާއި ގެދޮރާއި މިސްކިތްތަކުގެ ހުރުމަތް ކަނޑައި ހެދުން ކަމުގައިވަނީނަމަ ޕާޓީތަކަކީ ގައުމު ސުންނާފަތިކޮށް މީސްތަކުންގެ އަބުރާއި ކަރާމާތް ގެއްލުވާލައި މުޖްތަމައުގެ އަހުލާގީ ފޭރާން މުޑުދާރު ކުރުމުގެ މަގުސަދުގައި ބަޔަކު މީހުން ހަދައިގެން ތިބި އެއްޗެހި ކަމުގައި ނޫނީ ނުބެލެވޭނެ،" ސަލަފްގެ ސިޓީގައިވެ އެވެ.
ޝައިހް އަބްދުﷲ މިއަދު ވިދާޅުވީ ސަލަފުން ފޮނުވި ސިޓީގައި ފުރުގާން މިސްކިތުގައި ދަރުސެއް ކުރިއަށް ދަނިކޮށް ބަޔަކު ހިންގި އެ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާނެ ކަމަށެވެ.
"މިސްކިތްތަކަކީ މާތް ﷲ ގެ ހުރްމަތްތެރިވެގެންވާ ގެކޮޅުތައް ކަމަށްވީ ހިނދު އެތަންތަނުގެ ހުރުމަތް ކެނޑުމަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ފުރުސަތުު ނުދިނުމަށާއި ޒާތީ ރުޅިވެރިިކަމަށް އެގޮތަށް ބޭނުން ކުރުމަށް ޖާގަ ނުދިނުމަށް، އަދި އެގޮތަށް މަސައްކަތް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާނީ،" ސަލަފްގެ ރައީސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު ފަޔާޒު ހަސަން މިއަދު ވިދާޅުވީ އެ ކޮމިޝަނަށް ސަލަފްގެ ސިޓީއެއް މިއަދު ލިބިފައިވާ ކަމަށާއި އެކަމާ މެދު މާދަމާ ކޮމިޝަނުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. ފަޔާޒު އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތެއްގެ ގޮތުގައި އެކޮމިޝަން އޮންނައިރު އެކޮމިޝަނުން ބަލައި، ފިޔަވަޅު އަޅާނީ ސީދާ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެންނެވެ.
"ސިޔާސީ ހަރަކާތްތަކާ ސިޔާސީ ޕާޓީން ތަކުގެ ހަރަކާތްތަކާ ވަރަށް ތަފާތު، އަޅުގަނޑުމެންނަށް ބާރު ފޯރުވޭނީ އަދި ބެލޭނީ ވެސް ސިދާ ސިޔާސީ ޕާޓީއަކުން އިޢުލާންކޮށްގެން ހިންގާ އެޕާޓީތަކުގެ ހަރަކާތްތަކަށް، ދެން އޮންނީ ފުލުހުންގެ ދައުރު ނުނީ ކަމާ ގުޅޭ އެހެން ދާއިރާތަކަށް،" ފަޔާޒު ވިދާޅުވި އެވެ.
ސިޔާސީ ރުޅިވެރިކަމުގައި ވިޔަސް މިސްކިތްތަކުގެ ހުރުމަތް ކަނޑާލާ ސިޔާސީ ޕާޓީތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ސަލަފުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައި މިވަނީ އިއްޔެ ރޭ ފުރުގާންގައި މިސްކިތުގައި ޝެއިހު އިލްޔާސް ހުސެއިންގެ ދަރުސެއް ދެއްވަމުން ގެންދަވަނިކޮށް، ބަޔަކު އެސަރަހައްދަށް ވަދެ، ހަމަނުޖެހުން ހިނގާފައި ވަނިކޮށެވެ. އަދި އެސަރަހައްދަށް ވަން ބަޔަކު ވަނީ މިސްކިތުގައި ދަރުސް ދެމުން ގެންދިޔަ މީހުންނާ ދިމާލަށް ގާ އުކައި، ހަޑި ހުތުރު ބަހުރުވައިގެން މުހާތަބުކޮށްފަ އެވެ.