19 Nov 2023, 12:41
އދ އިން ޣައްޒާގައި ހިންގާ ސްކޫލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ. އެ ސްކޫލަކީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާތިބި އެތައް ބަޔަކު ދިރިއުޅެމުންއައި ސްކޫލެކެވެ.
މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާގެ ތަލް އަލް ޒަތާރު ސްކޫލަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ 50 އަށް ވުރަ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
ހަމަލާގައި ޝަހީދުވި އާންމުންގެ ހަށިގަނޑުތައް އެ ތަނުން ނެރުމަށް ދަތިވެފައިވާ ކަމަށާއި ބައެއް ހަށިތައް ނިވާކުރުމަށް ފަހު ސްކޫލްގެ ކޮރިޑޯގައި ބަހައްޓާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވިދާޅުވެއެވެ.
މި ހަމަލާއާ ގުޅިގެން ޣައްޒާގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުތައް ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ. އަދި، މިއީ އިސްރާއީލުގެ ހަމަލާތައް އަމާޒުކުރަނީ ޣައްޒާގެ އާންމުންނަށް ކަމަށް ބުނެ ދެއްކޭނެ ހެއްކެއް ކަމަށް ވެސް ޚާރިޖީ ވުޒާރާއިން ބުނެއެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހުނެ ފެށިގެން ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ 8،300 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 12،000 އާއި ގާތްކުރާ އަދަދަކަށް ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލާފައިވާއިރު، 30،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
ޣައްޒާ އެއްކޮށް ބަންދުކުރުމަށް ފަހު، ވައިގެ މަގުންނާއި އެއްގަމުން ކެނޑިނޭޅި ދޭ ހަމަލާތަކުގައި ހޮސްޕިޓަލްތަކާއި މިސްކިތްތައް ވެސް ހިމެނޭ ގޮތަށް އެތައް ހާސް އިމާރާތެއް ވެސް ވަނީ ސުންނާފަތިވެފައެވެ.
ހަމަލާތަކުގެ ސަބަބުން ނިކަމެތިވެފައިވާ ޣައްޒާގެ އާންމުން ވަނީ ފެނާއި ކާނާއާއި ތެލަށް ވެސް ޖެހިފައެވެ. ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގެ ދެބައިކުޅަ އެއްބައި ހޮސްޕިޓަލްގެ މަސައްކަތް ހުއްޓީ، އެ ތަންތަނުގައި ތިބި އެތައް ބަޔަކު ވަނީ މަރުވެފައެވެ.