ސްވިޑްން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލާސް އޮލޮފް ލިންޑަރެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރެސީ ގާއިމް ކުރުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އަދި ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތުގެ މަޢުލޫމާތު، ސްވިޑްން ސަފީރާ ޙިއްޞާ ކުރެއްވި އެވެ.

ވެރިކަން ބަދަލުވުމަށްފަހު، ސަރުކާރަށް ސިޔާސީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ވެސް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު، ސްވިޑްން ސަފީރަށް އެރުވުމުގެ އިތުރުން، ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ވެސް އެމަނިކުފާނު ދެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ސްވިޑްން ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީއެއް ފުރިހަމަވުމަށްޓަކައި ވަގުތު ނަގާނެކަން ފާހަގަކުރައްވައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ރައީސް ވަހީދު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތަރުޙީބު ދެއްވި އެވެ. އަދި ޑިމޮކްރެޓިކް ވެއްޓެއް ޤާއިމްވެފައިވާ ޤައުމެއްގައި، ހުރިހާ މުއައްސަސާއެއް ވެސް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށާއި، އެތަންތަން އިތުރަށް ހަރުދަނާވާންޖެހޭ ކަމުގައިވެސް ސަފީރު ވިދާޅުވި އެވެ.