19 Nov 2023, 00:27
ދިވެހި ބަހުގެ އެކެޑެމީން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ޅެން ހެދުމުގެ މުބާރާތާއި، ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތާއި, ގައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ސެޝަންތަކެއް އެ އެކެޑެމީން ބާއްވައިފިއެވެ.
މި މުބާރާތް އޮންނާނީ އަންނަ ހަފުތާގެ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 115 އަށްވުރެ ގިނަ ސްކޫލްތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި 2،500 އެއްހާ ދަރިވަރުން ހިމެނެއެވެ.
ދިވެހި ބަހުގެ އެކެޑެމީން 'ސަން'އަށް މައުލޫމާތުދެމުން ބުނީ، އެ ސެޝަންތަކަކީ ކުރު ވާހަކަ ލިޔުމާއި، މަޒުމޫނު ލިޔުން އަދި ޅެން ހެދުމުގެ ގައުމީ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމަށް އެހީއެއްގެ ގޮތުން އެ އެކެޑެމީން ހިންގި ޚާއްސަ ސެޝަންތަކެއް ކަމަށެވެ.
އެގޮތުން މިދިޔަ މަހުގެ 28 އަދި 29 ވަނަ ދުވަހު ވަނީ ޅެމާއި ބަނދި ހަދަން ދަސްކޮށްދިނުމުގެ ސެޝަން ކުރިއަށް ގެންގޮސްފައެވެ. މިއަދު ހަވީރު ވަނީ ކުރު ވާހަކަލިޔުމާ ބެހޭ ވޯކްޝޮޕް ބާއްވާފައެވެ. އަދި، މިރޭ ވަނީ މަޒުމޫނާ ލިޔުމާ ބެހޭގޮތުން ވޯކްޝޮޕެއް ބާއްވާފައެވެ.

ބަހުގެ އެކެޑެމީން ބާއްވާ ގައުމީ ޅެން ހެދުމުގެ މުބާރާތާއި، ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތާއި, ގައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ސެޝަންތަކެއްގެ ތެރެއިން ---
ބަހުގެ އެކެޑެމީން ބުނި ގޮތުގައި މަސައްކަތު ބައްދަލުވުންތަކެއް ގޮތަށް ބާއްވާފައިވާ މި ސެޝަންތަކަކީ ގައުމީ މުބާރާތަށް ފަރިތަކުރުމަށް ދަރިވަރުންނަށް އެހީއެއްގެ ގޮތުން ބޭއްވި ސެޝަންތަކެކެވެ.
"މި ސެޝަންތަކުގައި އެންމެ ބޮޑަށް ކުދިންނަށް ކިޔައިދީފައި ވާނީ މަޒުމޫނު ލިޔުމާއި، ކުރު ވާހަކަ ލިޔުމާއި ޅެން ހެދުމުގައި ވިސްނަންވީ ކަންތައްތައް،" އެކެޑެމީގެ އޮފިޝަލަކު ބުންޏެވެ.
އެ އެކެޑެމީން ބުނީ މީގެ ކުރިން ކުދިން ލިޔެފައި ހުރި ކުރު ވާހަކައާއި، މަޒުމޫނު ފަދަ ލިޔުންތަކުން ނަމޫނާ ނަގައި، އެއިގެން މިސާލުތައް ނަގައިގެން ކުދިންނަށް ފިލާވަޅު ނަގާދީފައި ވާނެ ކަމަށެވެ.
އަތޮޅު ތެރޭ ސްކޫލްތަކުން ބައިވެރިވާ ދަރިވަރުންނަށް އެ ސްކޫލަކުން ބާއްވާ ތަނެއްގައި ދަރިވަރުން ތިބެ އެ މުބާރާތް ކުރިއަށް ގެންދެވޭނެއެވެ. އަދި، އެކެޑެމީން ފޮނުވާ ޒޫމް ލިންކު މެދުވެރިކޮށް ދަރިވަރުން މޮނިޓާކުރަމުން ދާނެއެވެ.
ދިވެހި ބަހުގެ އެކެޑެމީގެ އެންމެ ބޮޑު އަމާޒަކީ، އެ އެކެޑަމީއަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ތަނަކަށް ހެދުމެވެ. އެގޮތުން މީގެ ކުރިން އެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ވިދާޅުވީ، ބަހުގެ އެކެޑެމީ އަކީ ހަމައެކަނި މާލޭގައި ހުރި އޮފީސް އިމާރާތެއްގެ ބަދަލުގައި މުޅި ރާއްޖެއަށް ހުޅުވިފައިވާ އިދާރާއަކަށް ހެދުމަކީ އެ އެކެޑެމީގެ މައިގަނޑު ވިސްނުން ކަމަށެވެ.