18 Nov 2023, 22:03
ކުރީ ސަރުކާރުން ކަންކަން ކުރުމުގައި ގެންގުޅުނު ލަސް ސްޕީޑު ބަދަލުކޮށް، އަވަސް ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވެސް ތިބީ އެގޮތުގައި މަސައްކަތްކުރުމަށް ކެތްމަދުވެފައި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އާ ގަޑިބުރު އިފްތިތާހުކުރުމަށް މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ކުރައްވާނީ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ.
"އަޒުމަކީ ބާރު ސްޕީޑަށް ލަހުން ދިޔަ ސްޕީޑު ބަދަލުކުރުން. ރެއާއި ދުވާލު އެގޮތުގަ މަސައްކަތްކުރުމަށް ކެބިނެޓުން ވެސް އެ ތިއްބެވީ ކެތްމަދުވެފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާނެ އެއް ކަމަކީ، ކައުންސިލްތައް ލާމަރުކަޒު ކުރުން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކައުންސިލްތައް މެދުވެރިކޮށް ދެނެގަނެ އެ ކަންކަން ވީހާ ވެސް އަވަހަށް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު އެރުއްވިއެވެ.
"އެއްވެސް ރައްޔިތަކު ބާކީއެއް ނުކުރާނަން. ކައުންސިލްތަކާ ގުޅިގެން މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގެ ރަށްތައް ވެސް ތަރައްގީ ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ އެ މަނިކުފާނު ވެރިކަމަށް އައިސް، އެންމެ ފުރަތަމަ ވެސް ކުރާނެ މުހިންމު ކަންކަން ވިދާޅުވެދެއްވައިފައެވެ. އެގޮތުން ކުރިއަށް އޮތް 30 ދުވަސް ތެރޭ ފުށި ދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެއާ އެކު މާލެ ސަރަޙައްދުގެ ޕާކިން މައްސަލައަށް ދިމާވެފައި އޮތް އުނދަގުލަށް ހައްލު ހޯދުމަށް ހުސް ޕާކިން އިމާރާތްތައް އެޅިގެން ދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ، ކުރީ ސަރުކާރުން އެކަން ކުރުމަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުކުރެވުނު ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"މާލޭގެ މަގުތައް ވެސް ދެން ހެދިގެން ދާނެ. އެއީ ވަރަށް ބޮޑު މަސައްކަތަކަށް ވާނެތީ އަޅުގަނޑު ގަސްތުކުރަނީ ބޭރުގެ އެހީތެރިކަން ވެސް ހޯދާން. މިފަދަ ބޮޑެތި މައްސަލަތައް ހައްލުކޮށްދިނުމަކީ އެންމެ މުހިންމު ކަންތައް،" ރައީސް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ގަޑިބުރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ.

ގަޑިބުރު ރަސްމީކޮށް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ސިޓީ ކައުންސިލް
ގަޑިބުރަށް އިޝާރާތްކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ޒަމާނީ ގޮތަކަށް ފަރުމާކުރެވިގެން ހެދި ގަޑިބުރަކީ، ވީހާ ވެސް ގިނަ ފަރާތްތަކަށް އޭގެން ފައިދާ ވާނެ ގޮތަށް ހަދާފައިވާ ބިނާއެއް ކަމަށެވެ. އަދި، ނެތިގެންދާ އެފަދަ ބިނާއެއް އަލުން އިއާދަކުރެވުމަކީ ވަރަށް ފޮނި އިހުސާސްތަކަކާއި އުުފާވެރިކަމެއް ގެނުވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކުރީގެ ކަންކަން ނެތިގެން ދާއިރު އަނބުރާ ގެނައުމަކީ ވަރަށް މުހިންމު ކަމެއް. އެ ވިސްނުމުގައި އެކަން ކުރީ، މި ސަރަޙައްދަން އާރޯކަން އާދޭ މި ގަޑިބުރުގެ ސަބަބުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ، ރައްޔިތުންނަށް އުފާވެރިކަން ގެނުވާނެ އެފަދަ އެތައް ކަމެއް މާލޭގެ އިތުރުން އަތޮޅުތެރޭ ރަށްތަކުގައި ވެސް ކޮށްދެއްވާނެ ކަމަށް ވައުދުވެލައްވައިފައެވެ.
ގަޑިބުރުގެ މަސައްކަތް ނިމި، މިހާރު އެ ތަން ފެންނަން ހުރިއިރު، ރޭގަނޑު ގަޑިބުރު ދިއްލައިލުމުން މަންޒަރު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ގަޑިބުރު ވަށައިގެން ހުންނަ ލެޑް ޕެނަލްތަކުގައި އެކި ފަރުމާތައް ދިއްލައިލައެވެ.
އިސްލާމީވަންތަކަން ރަމްޒުވާ ފަރުމާއަކަށް ތަރައްގީކޮށްފައިވާ ގަޑިބުރުގައި ހަތަރު ފަރާތުން ފެންނާނެހެން ގަޑިތައް ހުރެއެވެ.
ގަޑިބުރަކީ މާފަންނު ފަރީދީމަގާއި، ފަނޑިޔާރު މަގު އަދި އޯކިޑް މަގާއި ފުނަ ގޯޅި ގުޅޭ ގޮތަށް ހުންނަ ތަނެކެވެ.