18 Nov 2023, 19:35
ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ކޭޕާކު ފުލެޓުތަކުގެ މައްސަލައިގައި ކުރިއަށް ގެންދާ ޖިނާއީ ތަހުގީގުގެ ތެރެއިން އެ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ ގެޔަށް ފުލުހުން ވަދެއްޖެއެވެ.
ފުލުހުން މިއަދު "ސަން"އަށް ބުނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން މަންޑޭ ދިރިއުޅޭ ގެ ބަލައި ފާސްކުރަމުންދާ ކަމަށެވެ.
އެކަމަކު، އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
ކޭޕާކުގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކާ ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ. އަދި, ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގައި މަންޑޭ ހައްޔަރު ވެސް ކުރިއެވެ. އެކަމަކު، މިހާރު އޭނާ ދޫކޮށްލާފައި އެ ހުރީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުއެވެ. މަންޑޭގެ އިތުރުން ވެސް އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވެއެވެ.
އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.
އެ ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މަންޑޭ ވަނީ މިހާރު އުފެދިފައިވާ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.