18 Nov 2023, 23:45
ޓިއުނީޝިއާއިން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ފެށުން ރަނގަޅު ކޮށްފިއެވެ.
ޓިއުނީޝިއާއިން ވަނީ އެފްރިކާ ސަރަހައްދުގެ ކޮލިފައިން ގްރޫޕް އެޗްގައި ކުޅުނު ފުރަތަމަ މެޗުގައި ސައޮ ޓޯމޭ އެންޑް ޕްރިންސިޕޭ އާއި ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ކާމިޔާބުކޮށްފައެވެ. އަމިއްލަ ޤައުމުގައި ކުޅުނު މިމެޗު ޓިއުނީޝިއާއިން ކާމިޔާބުކޮށްފައިވަނީ 4 ލަނޑު ސުންލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޓިއުނީޝިއާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި، ޓިއުނީޝިއާއިން ލީޑު ނަގައިފާ ވަނީ މެޗުގެ 37 ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔަސީން މެރިއާހެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ޖަހައިދިނީ ޔޫސުފް އެމްސަކްނީއެވެ. މެޗުގައި ޓިއުނީޝިއާގެ ތިންވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓްގައި ޖަހައިދިނީ ހަމްޒާ ރާފިއާއެވެ. އަދި، ފަހު ލަނޑު މެޗު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ މުހަންމަދު ފިރާސް ބެން އަލް އަރްބީއެވެ.
މި ކާމިޔާބީއާ އެކު ޓިއުނީޝިއާ އުޅެނީ ގްރޫޕް އެޗްގެ އެއްވަނައިގައެވެ. އެއީ، މި މެޗުގައި ޖެހި ހަތަރު ލަނޑާ އެކުއެވެ.
މެޗުން ބަލިވުމުން ސައޮ ޓޯމޭ އެންޑް ޕްރިންސިޕޭ އުޅެނީ ހަ ޓީމު ހިމެނޭ މި ގްރޫޕްގެ އެންމެ ފުލުގައެވެ.
މީގެ އިތުރުން މިގްރޫޕްގައި ހިމެނޭ އިކުއެޓޯރިއަލް ގިނީ އާއި މަލާވީ ވެސް ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. މިގޮތުން އިކުއެޓޯރިއަލް ގިނީ އާއި ނަމީބިއާ ބައްދަލުކުރި މެޗު އެއްލަނޑު ސުންލަނޑުން އިކުއެޓޯރިއަލް ގިނީ ކާމިޔާބުކުރިއިރު މަލާވީ އާއި ލައިބީރިއާ ބައްދަލުކުރި މެޗު އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ މަލާވީއެވެ.