ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ވަތަނިއްޔާ އާއި ދިރާގުގެ ނަމްބަރުތައް ދެ އޮޕަރޭޓަރުންގެ ހިދުމަތުގައި ވެސް ބޭނުން ކުރެވިދާނެތޯ ބެލުމަށް ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އަލުން ދިރާސާ ކުރަން ނިންމައިފި އެވެ.

ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދު މިއަދު ވިދާޅުވީ ބޭނުންކުރާ އެއް ނަމްބަރެއް މެދުވެރިކޮށް ވަތަނިއްޔާ އާއި ދިރާގުގެ ހިދުމަތް ހޯދޭނެ ގޮތްތަކެއް ބެލުމަށް މީގެ ކުރިން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ މަސައްކަތް އަލުން ކުރަން ވިސްނީ މުއާސަލާތުގެ ދާއިރާ ރާއްޖޭގައި ވަރަށް ބޮޑަށް ބަދަލުވެފައިވާތީ ކަމަށެވެ.

"މީގެ ކުރިން އެކަންވީ ވިޔަފާރީގެ ގޮތުން އެހާ ހަމަޖެހޭ ކަމަކަށް ނޫން. އެކަމަކު މިހާރު މުއާސަލާތުގެ ދާއިރާ ވެސް ބަދަލުވީމައާއެކު އަޅުގަނޑުމެން މިހާރު އެކަމާ ގުޅޭ ދިރާސާއެއް ކުރަން އިއުލާން ކުރަން މިއުޅެނީ، އެ ހިދުމަތުގެ ސަބަބުން މިސާލަކަށް؛ 777 ގެ ނަމްބަރު ވެސް ވަތަނިއްޔާގައި ބޭނުން ކުރެވޭނެ. އަދި 999 ދިރާގުގައި ވެސް ބޭނުން ކުރެވޭނެ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރަހައްދުގެ އިންޑިޔާފަދަ ބައެއް ގައުމުތަކުގައި އެ ހިދުމަތް މިހާރު ވެސް ބޭނުން ކުރަމުން އަންނަ ކަމަށާއި ރާއްޖޭގައި އެއް ނަމްބަރެއް ދެ އޮޕަރޭޓަރުގައި ބޭނުން ކުރަން ޓެކްނިކަލް ގޮތުން ގިނަ ކަންތައްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. ރާއްޖޭގައި އެކަން ކުރިއަށް ގެންދާނެ ގޮތެއް ދެނެގަނެވޭނީ ދިރާސާއިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދިރާސާ ހެދުމުން އެނގޭނީ ކޮންކަހަލަ މަކޭނިޒަމެއް ކަން ގާއިމް ކުރަން ޖެހޭނީ، ދިރާސާ ރަނގަޅަށް ގޮސްފިއްޔާ އަޅުގަނޑުމެންނަށް އަންނަ އަހަރުހާ ތާނގައި އެ ހިދުމަތް ދެވޭވަރު ވާނެ،" އިލްޔާސް ވިދާޅުވި އެވެ. "އެކަމަށް ވަރަށް ގިނަ ޓެކްނިކަލް މަސައްކަތްތައް ކުރަންޖެހޭ. އަޅުގަނޑުމެން މި ބަލަނީ ރައްޔިތުންނަށް ފައިދާ ހުރި އަދި ފަސޭހަ ގޮތެއް ކަމަށް ވާނެތީ މިކަން ރާއްޖެއަށް ތައާރަފުކުރަން،"

ކޭމްގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ބޭނުންކުރާ މޯބައިލް ކަނެކްޝަންގެ އަދަދު ބައި މިލިއަނަށް އަރަ އެވެ.