ޣައްޒާ (18 ނޮވެންބަރު 2023): އިސްރާއީލުން ހަމަލާދީ ހަލާކުކޮށްލާފައިވާ ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގެ އެކުވެނިން ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުން ބޭރުކޮށް އެ މީހުން މަގުމަތިކޮށްލައިފިއެވެ.

އައްޝިފާ ހޮސްޕިޓަލަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ސިފައިން އެ ހޮސްޕިޓަލް ހުސްކުރުމަށް ދީފައިވަނީ ގަޑިއެއްހާ އިރެވެ. އެ ތަނަކީ ޔަހޫދީ ސިފައިންގެ ލާއިންސާނީ ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންނާއި ބަލި މީހުން ތޮށްޖެހިފައިވާ ތަނެކެވެ.

އައްޝިފާ ހޮސްޕިޓަލުގެ އެކުވެންޏަށް ބޮންއެޅުމަށް ފަހު ޔަހޫދީ އިސްތިއުމާރީ ސިފައިން އެ ތަނުގެ ދޮރުތައް ވައްޓާލާފައި އެ ތަނަށް ވަދެގެންފައިވަނީ މިދިޔަ ހަފުތާގައެވެ. ވަދެގަތީ އެ ތަނުގެ އަޑީގައި ހަމާސް ޖަމާއަތުގެ ކޮމާންޑް ސެންޓަރާއި ހަމާސްއިން އަސީރުކޮށްފައިވާ އިސްރާއީލު މީހުން އެ ތާނގައި ތިބިކަމަށް ބުނެފައެވެ.

ނަމަވެސް އައްޝިފާ ހޮސްޕިޓަލުގެ އެއްވެސް ތަނަކުން މިހާތަނަށް ޔަހޫދީ ސިފައިންނަށް ހަމާސްގެ އެއްވެސް ލިސާނެއް ފެނިފައެއް ނުވެއެވެ. ހަމާސްގެ ކޮމާންޑް ސެންޓަރެއް އަދި އެ ޖަމާއަތުން އަސީރުކޮށްފައިވާ އިސްރާއީލު މީހަކު ވެސް ފެނިފައެއް ނުވެއެވެ.

އަނެއްކޮޅުން ޣައްޒާއަށް އަރައި ޔަހޫދީ ސިފައިން ހިންގާ އެއްގަމު އޮޕަރޭޝަންގައި އެއްވެސް ކާމިޔާބީއެއް ނުލިބި ހަމާސްގެ ގެރިއްލާ ހަމަލާތަކުން ޔަހޫދީ ސިފައިން ގިނަ އަދަދަކަށް މަރުވަމުންދާތީ އިސްރާއީލުގެ ވެރިންވަނީ ކަންބޮޑުވެ، ގޮތް ހުސްވެފައެވެ.

އެހެންކަމުން އައްޝިފާ ހޮސްޕިޓަލަށް އަރައިގަނެ ބަލި މީހުންނާއި، ޒަޚަމްވެފައިވާ މީހުންނާއި އަދި އެ ތަނުގައި އިންކިއުބޭޓަރުތަކަށް ލާފައިވާ ދުވަސް ނުފުރާ ވިހޭ ތުއްތުކުދިންނާ ދެކޮޅަށް ހިންގި ގަތުލުއާންމުތަކާއި މީހުން މެރުމުގެ ޖަރީމާތައް ވެސް އިސްރާއީލު ސިފައިން އުޅެނީ ކާމިޔާބީއެއް ކަމަށް ދެއްކުމަށެވެ.

އައްޝިފާ ހޮސްޕިޓަލުން ވަރަށް އަނިޔާވެރި ގޮތަކަށް ބޭރުކޮށްލި ބަލި މީހުންނާއި ޒަޚަމްވެފައިވާމީހުންނާއި ޑޮކްޓަރުންނާއި ނަރުހުން ވަނީ މަގުމަތިވެފައެވެ. އޭގެ ތެރެއިން އެއްބަޔަކުވަނީ އައިވީ ނުލިބި ފަރުވާ ނުދެވުމުން މަރުވެފައެވެ. އަނެއް ބަޔަކުވަނީ ޒަޚަމްތަކާ އެކު ފައިމަގުގައި ހިނގާފައި ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް މިސްރާބު ޖަހާފައި ކަމަށާ މިއީ ލާއިންސާނީ ކަމުންގޮސް އިންސާނުންގެ ހިތަށް ކެތްނުވާވަރުގެ ކަމެއްކަމަށް އަލްޖަޒީރާ ސިފަކުރެއެވެ.

ފައިމަގުގައި ދާން މަޖުބޫރުވެފައިވާ ބަލި މީހުންގެ ތެރެއިން ބައެއްމީހުން މަގުމަތީގައި މަރުވާނެކަމަށް ވަނީ ބެލެވިފައެވެ.

އިސްރާއީލުން އިއްޔެ ވެސް ޣައްޒާގެ އެކި ކަންކޮޅުތަކުގައިވާ މަދަނީ ތަންތަނަށް ހަމަލާދީ 100 އަށް ވުރެ ގިނަމީހުން ޝަހީދުކޮށް އެތަށް ސަތޭކަ ބަޔަކުވަނީ ޒަޚަމްކޮށްލާފައެވެ. މިދިޔަ މަހުގެ ހަތަކުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ޝަހީދުކޮށްލި އާންމުންގެ އަދަދު ވަނީ 12،000 އަށް ވުރެ މައްޗަށް ގޮސްފައިކަމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ސަރުކާރުން ބުނެއެވެ.