އިޓަލީވިލާތުގެ ޓިއުރިންގައި މިހާރު ކުރިއަށްދާ ސީޒަން ނިންމާ މުބާރާތް ކަމަށްވާ އޭޓީޕީ ފައިނަލްސްގެ ސެމީފައިނަލްއިން ސްޕެއިންގެ ކާލޯސް އަލްކަރާސް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލުން ދެވަނައަށް ސީޑް ކުރެވިފައިވާ އަލްކަރާޒް ޖާގަ ހޯދީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗު އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. އެއީ، ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. މި މެޗާ ކުރިމަތިލީއިރު މެޑްވެޑޭވްއަށް ވަނީ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުވެފައެވެ. މެޗު ކާމިޔާބު ކުރުމުން އަލްކަރާޒް ސެމީފައިނަލަށް ދަތުރު ކޮށްފައިވަނީ ގްރޫޕްގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައެެވެ. އަދި، މިއާއެކު ސެމީފައިނަލްގައި އަލްކަރާޒް ބައްދަލުކުރަން ޖެހޭނީ ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗާއެވެ. އަދި، މެޑްވެޑޭވް ބައްދަލު ކުރާނީ ގްރީން ގްރޫޕްގެ އެއްވަނަ ހޯދި އިޓަލީވިލާތުގެ ޔަނިކް ސިނާއާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އަލްކަރާޒް ވަނީ މި މުބާރާތުގެ ސެމީފައިނަލްގައި ޖޯކޮވިޗާ ބައްދަލުކުރަން ޖެހޭ މެޗަކީ އެންމެ އުދަގޫވެގެންދާނެ މެޗަށް ވެގެން ދާނެކަން ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި ޖޯކޮވިޗަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. އެ މެޗުގައި އޭނާއަށް ކުޅެވުނު އެންމެ ރަނގަޅަކަށް ކުޅެ މެޗު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އަލްކަރާޒް ހާމަކުރިއެވެ.

މި ދެ ކުޅުންތެރިން ވިމްބަލްޑަލް ޓެނިސް މުބާރާތުގެ ފައިނަލްގައި ބައްދަލުކުރި ފަހަރު ކާމިޔާބު ހޯދާފައިވަނީ އަލްކަރާޒެވެ.