ކޮންކާކަފް ނޭޝަންސް ލީގު ކްއާޓާ ފައިނަލް ފުރަތަމަ ލެގްގައި ހޮންޑިއުރަސް އާއި މެކްސިކޯ ބައްދަލުކުރި މެޗް ހޮންޑިއުރަސް ކާމިޔާބުކޮށްފިއެވެ.

ހޮންޑިއުރަސްގައި ކުޅުނު މި މެޗް އެ ޓީމް ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި މެކްސިކޯއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ހޮންޑިއުރަސްއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު ޖަހާ ހޮންޑިއުރަސްއިން ލީޑު ނަގައިފާ ވަނީ މެޗްގެ 30 ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެންތަނީ ލޮޒާނޯއެވެ. އަދި އެ ޓީމްގެ ދެވަނަ ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހައިދިނީ ބްރަޔަން ރޮޗޭޒްއެވެ.

މި މެޗްގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ. މި ދެ ޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު މެކްސިކޯގައެވެ. އެހެން ކަމުން މި މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދުމުގެ ފުރުސަތު މެކްސިކޯއަށް ވެސް އެބައޮތެވެ.

މި މުބާރާތުގެ ކްއާޓާ ފައިނަލްގެ ފުރަތަމަ ލެގްގައި އެމެރިކާ އާއި ޓްރިނިޑާޑް އެންޑް ޓޮބާގޯ ބައްދަލުކުރި މެޗް ތިނަ ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ އެމެރިކާއެވެ. އެމެރިކާގައި ކުޅުނު މި މެޗްގައި އެ ޓީމުން ކާމިޔާބުކުރި ތިން ލަނޑުވެސް ޖަހާފައިވަނީ މެޗްގެ ފަހު 10 މިނެޓްގެ ތެރޭގައެވެ. މީގެ އިތުރުން ކޮސްޓަރީކާ އާއި ޕެނެމާ ބައްދަލުކުރި މެޗް ރަށުން ބޭރުގައި ތިން ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ޕެނެމާއެވެ. މި ދެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ އަންގާރަ ދުވަހުއެވެ. އަދި މިހާރު ނުކުޅެ އޮތް ކެނެޑާ އާއި ޖެމެއިކާގެ ކްއާޓާ ފައިނަލްގެ ފުރަތަމަ ލެގް މިރޭ ޖެމެއިކާގައި ކުޅެވޭނެއެވެ.