20 May 2012, 17:00
ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ޓެސްޓު ނިންމާފައި ގެއަށް ދަނިކޮށް ގްރޫޕަކުން ދިމާކޮށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ހާދިސާ ތަހުގީގުކޮށް، ކުށްކުރި މީހުންނަށް އަދަބު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ މިއަދު ގޮވާލައިފި އެވެ.
މިފަދަ ހާދިސާއަކާ ގުޅިގެން ފުރަތަމަ ފަހަރަށް އެޑިއުކޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެފަދަ އަމަލުތަކަކީ ތަހުޒީބު އެއްވެސް މުޖުތަމަގައި ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. މިއަދުގެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"... މި އަމަލު ހިންގި ހުރިހާ ފަރާތެއްގެ ތަހުގީގު ހިންގައި، އެ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް، އެ ކަމުގެ ހައްގު އަދަބު ދިނުމަށް ކަމާބެހޭ ހުރިހާ އިދާރާއަކަށް މި މިނިސްޓްރީއިން އިލްތިމާސް ކުރަމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ އަބްދުﷲ އިބްރާހިމް ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ ދަރިވަރުންނާ ނުގުޅޭ އެއްވެސް ކަމެއްގައި ކުދިން ބައިވެރި ނުކުރުމަށާއި އެކުދިންގެ ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުމަށް ތަކުރާރުކޮށް އިލްތިމާސްކުރާ ކަމަށެވެ.
މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން ފުވައްމުލަކުގައި މިއަދު ހެނދުނު ވަޅި ހަރައި ޒަހަމްކޮށްލާފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެކެވެ. އެ ދެ ކުދިންނަށް ވަޅިން ހަމަލާ ދިނީ ހެނދުނު ސްކޫލް ނިންމާފައި ދެ ކުދިން އެކީގައި ގެޔަށް އައި މަގުމަތީގަ އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ 15 އަހަރުގެ ކުއްޖާގެ ބޮލަށާއި ފުއްކިބައަށް ވަޅި ޖަހާފައިވާ ކަމަށާއި އެ ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި 16 އަހަރުގެ ކުއްޖާގެ ޒަހަމްތައް ވަރަށް ބޮޑު ކަމަށާއި އޭނާގެ އަތުގެ ދެތިން ތަނަކަށާއި ބުރަކަށްޓަށް ވަޅި ޖަހާފައިވާއިރު ބޮލާއި ލޮލުގެ ކައިރިން ވެސް ޒަހަމްކޮށްލާފައިވާ ކަމަށެވެ.