18 Nov 2023, 12:12
ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ، ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ، އިމާމުންނަށް މިސްރާ، ސައުދި އަރަބިއްޔާ އާއި މެލޭޝިއާ، ބުރުނާއީ އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް ފަހިކޮށް ދެއްވާނެކަމަށެވެ.
ރާއްޖޭގައި އިމާމުންނަށް ޚާއްސަ ތަމްރީނުތައް ކޮންމެ ވެސް ވަރަކަށް ކުރިއަށް ގެންދިޔަ ނަމަވެސް، އެކަށީގެންވާ މިންވަރަކަށް އެފަދަ ފުރުސަތުތައް ފެހިވެފައި ނުވާކަމުގެ ޝަކުވާތައް ގިނައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޝަހީމް އަލުން އެ މަގާމާ ހަވާލުވަޑައިގަތީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ވަޒީރުން ހުވާކުރެއްވުމުގެ ރައްމިއްޔާތުގައެވެ.
އޭނާ ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމާއި ވިލާ ކޮލެޖުގެ ޑީންގެ މަގާމު މީގެ ކުރިން ފުރުއްވާފައެވެ.
ޑރ. ޝަހީމް އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން، އިސްލާމިކް ޝަރީއާއިން ބެޗްލާސް ޑިގްރީ ހޯއްދެވިއިރު، ޕީއެޗްޑީ ހާސިލުކުރެއްވީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިންނެވެ.