ނޯތު މެސެޑޯނިއާ ބަލިކޮށް މިއަންނަ އަހަރު ޖަރުމަނުވިލާތުގައި އޮންނަ ޔޫރޯ މުބާރާތުން ޖާގަހުމަށް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތުން ކުރަމުން އަންނަ އުންމީދު އާކޮށްފިއެވެ.

އިޓަލީވިލާތުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ ފަސް ލަނޑު ދެ ލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ދެ ޓީމްގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީވިލާތުންނެެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާ މެޗްގެ ލީޑު ނަގައިފާވަނީ އިޓަލީވިލާތުންނެވެ.

މި ލަނޑު އެޓީމަށް ޖަހައިދިނީ މަޓިއޯ ޑާމިއާންއެވެ. މިމެޗްގައި އިޓަލީވިލާތުގެ ލީޑު ފުޅާކުރުމަށް މެޗްގެ 40 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ ވަނީ ޖޯޖީނިއޯ އަތުން ނާކާމިޔާބު ވެފައެވެ. ނަމަވެސް އޭގެ އެއް މިނެޓްފަހުން ފެޑެރީކޯ ކިއޭސާ ވަނީ ލަނޑެއް ޖަހާ އިޓަލީވިލާތުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކިއޭސާ ވަނީ އެޓީމްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗްގެ ދެވަނަ ހާފްގެ ކުރީކޮޅު ފެނިގެންދިޔައީ މެސެޑޯނިއާއިން އެ ޓީމްގެ ކުޅުން ރަނގަޅުކޮށް އިޓަލީވިލާތތުގެ ޑިފެންސަށް ބާރުބޮޑު ކުރަމުން ދިޔަ ތަނެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗްގެ 52 ވަނަ މިނެޓްގައި އެ ޓީމުން ލަނޑެއް ޖަހައި ހިތްވަރު އާކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔާނީ އަޓަނަސޯވްއެވެ. އަދި މެޗްގެ 74 ވަނަ މިނެޓްގައި އޭނާ ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއެކު މި މެޗްގެ ފޯރި އިތުރަށް ގަދަވެ އިޓަލީވިލާތް ހާސްކަމުގެ ތެރެއަށް ވެއްޓިގެން ދިޔަތަން ފެނިގެންދިޔައެވެ. އަދި މިޔާއެކު އެންމެ ފަހުގެ ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭ އޮފްގައި ނޯތު މެސެޑޯނިއާ އަތުން ބަލިވި ފަދައިން ބަލިވެދާނެކަމުގެ ބިރު ކޮންމެވެސް ވަރަކަށް ހީވެގެންދިޔަތަން ފެނިގެންދިޔައެވެ.

ނަމަވެސް އިޓަލީވިލާތުގެ ކުޅުންތެރިން ހިތްވަރާއެކު މަސައްކަތް ކުރުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗްގެ 81 ވަނަ މިނެޓްގައި ލަނޑެއް ޖަހާ އެ ޓީމްގެ ލީޑު ފުޅާކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއަކޯމޯ ރަސްޕަޑޯރީއެވެ. އަދި މި މެޗްގައި އިޓަލީވިލާތުގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ސްޓެފެން އަލް ޝާރަވީއެވެ.

މި ކާމިޔާބީއާއެކު އިޓަލީވިލާތް މިހާރު ވަނީ ގްރޫޕް ސީގައި ކުޅުނު ހަތް މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް އަރާފައެވެ. އެއީ ތިން ވަނައިގައި މިހާރު އޮތް ޔޫކްރެއިން އާއި ޕޮއިންޓްގެ ގޮތުން ހަމަވެ ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބޭތީއެވެ. އަދި ފަހު މެޗްގައި މި އަންނަ ހޯމަ ދުވަހު ޔޫކްރެއިން އާއި ބައްދަލުކޮށް މޮޅުވެ ނުވަތަ އެއްވަރުވި ނަމަވެސް މިއަންނަ އަހަރުގެ ޔޫރޯގައި ތަށި ދިފާއު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.