މި އަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކޮލިފައިން ގްރޫޕް ސީގައި އިންގްލަންޑް އާއި މޯލްޓާ ބައްދަލުކުރި މެޗު އިންގްލަންޑް ކާމިޔާބުކޮށްފިއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗް އިންގްލަންޑް ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ އިންގްލަންޑްއެވެ. ނަމަވެސް މި މެޗްގައި އިންގްލަންޑްގެ ފަރާތުން އެ ޓީމްގެ އެންމެ މޮޅު ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ.

މި މެޗްގައި އިންގްލަންޑްއަށް މޯލްޓާގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައިވަނީ ގަޑިއެއްހާއިރުގެ ކުޅުމަށްފަހުއެވެ. މި މެޗްގައި އިންގްލަންޑްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ އަށް ވަނަ މިނެޓްގައި އެ ޓީމް ކާމިޔާބުކުރި ނަމަވެސް މިއީ ފިލް ފޯޑެން އުފައްދަން އުޅުނު ހަމަލާއެއްގައި މޯލްޓާގެ އެންރީކޯ ޕެޕޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗްގައި އިންގްލަންޑްގެ ދެވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއެވެ.

މި މެޗްގައި މޯލްޓާއިން ރަނގަޅަށް ޑިފެންޑް ކުރި ނަމަވެސް މާރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު މި އަންނަ އަހަރުގެ ޔޫރޯއިން މިހާރުވެސް ޖާގަހޯދާފައިވާ އިންގްލަންޑް މުބާރާތަށް ސީޑް ކުރެވޭ ޓީމަކަށް ވުމުގެ ފުރުސަތު މި ވަނީ ބޮޑުވެގެން ގޮސްފައެވެ. އަދި ފަހު މެޗްގައި ނޯތު މެސެޑޯނިއާ އަތުން މޮޅުވެ ނުވަތަ އެއްވަރު ވި ނަމަވެސް އެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިންގްލަންޑް މިހާރު ވަނީ ގްރޫޕް ސީގައި ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ހޯދައިފައެވެ. އަދި މޯލްޓާ އުޅެނީ ޕޮއިންޓެއް ނުލިބި އެންމެ ފުލުގައެވެ. ޔޫރޯ މުބާރާތަށް ސީޑް ކުރެވިގެންދާނީ ކޮލިފައިންގެ 10 ގްރޫޕްގެ ތެރެއިން އެއްވަނަ ހޯދާ ޓީމްގެ ތެރެއިން ފަސް ޓީމާއި މުބާރާތް ބާއްވާ ޤައުމު ޖަރުމަނުވިލާތެވެ.

ރޭގެ މެޗް ފެށުމުގެ ކުރިން އިންގްލަންޑްއިން ވަނީ ވަރަށް ފަހުން މަރުވި ސާ ބޮބީ ޗާލްޓަންއަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ސާ ބޮބީ ޗާލްޓަންއަކީ އިންގްލަންޑް ދުށް އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. އަދި ހަމައެއާއެކު އިންގްލަންޑްގެ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ވަރަށް ބޮޑަށް ލިބިފައިވާ ފަރާތެކެވެ.