އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ލީޑާޝިޕްގައި ރާއްޖެ ބައިނަލްއަގްވާމީ ގޮތުން އާ އުސްމިންތަކަކަށް ގެންގޮސްދޭނެކަން ޔަގީންކުރާކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އޮފީސް ދޫކޮށް ދިއުމުގެ ކުރިން މަރުހަބާގެ ސިޓީއެއް އޭނާ ޒަމީރުއަށް ލިޔެފައި ވާކަމަށެވެ.

އެ ސިޓީގައި ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަކީ 90 އަހަރުގެ ދިގު ތާރީޚެއް އޮތް ވުޒާރާއެއް ކަމުގައެވެ. އަދި ޚާރިޖިއްޔާއަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމާއެކު، އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއެއްގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތުގެ އެންމެ މަތީ މަސްއޫލުވެރިޔާ ކަމަށް އެ ސިޓީގައި ވެއެވެ.

ޒަމީރަކީ ފޮރިން މިނިސްޓްރީގެ ވަޒީރުކަމުގެ މަގާމަށް ނުހަނު ޤާބިލް އަދި އެހާމެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއްކަމަށް ގަބޫލު ކުރައްވާކަމަށް ވެސް ޝާހިދު ލިޔުއްވާފައި ވެއެވެ.

މީގެ އިތުރަށް ޝާހިދު ވިދާޅުވީ، ދިވެހި ޚާރިޖިއްޔާގައި މިހާރު ތިއްބެވި މުވައްޒަފުންނަކީ ވޭތުވެދިޔަ ފަސް އަހަރު އޭނާ ކުރެއްވި މަަސައްކަތުގައި އެހީތެރިކަން ދެއްވި ޕްރޮފެޝަނަލް، ކަމަށް ޤާބިލް، ހީވާގި، އިޚްލާސްތެރި މުވައްޒަފުންތަކެއް ކަމަށެވެ. އަދި ޚާރިޖީ ދާއިރާއިން ލިބުނު ކުރިއެރުމެއް ލިބިފައި ވަނީ އެ ޓީމުގެ ސަބަބުން ކަމަށް ޝާހިދު ލިޔުއްވާފައި ވެއެވެ.

އެދެނީ، ޒަމީރުގެ ވަޒީރުކަމުގައި ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން އިތުރަށް ވިދަމުން ދިއުން ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.

އިއްޔެ ހަވީރު ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމާއެކު އިރުއޮއްސި 7:30 އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުން ހުވާ ކުރައްވާ މަގާމާ ހަވާލުވެވަޑައިގަތެވެ.

އާ ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015އިން 2019 އަށް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

އޭނާ ވަނީ 2009އިން 2014އަށް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.

ޒަމީރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސަންޑަލެންޑްއިން ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި، ހަމަ އެ ގައުމުގެ ކާޑިފް މެޓްރޯޕޮލިޓަން ޔުނިވާސިޓީން އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.