ދެ ޤައުމުގެ ދެމެދު ހުރި މައްސަލަތައް ހައްލުކުރަން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަމަށް އާ ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރަށް މިއަދު ދަންނަވައިފިއެވެ.

ޒަމީރު މިހެން ވިދާޅުވީ، ޖައިޝަންކަރު އޭނާއަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޓްވީޓަކަށް ދެއްވި ޖަވާބުގައެވެ.

ޓްވީޓަށް ރައްދު ދެއްވައި ޒަމީރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެ ގައުމުގެ ރަތްޔިތުންނަށް ޓަކައި ބަދަހިކޮށް އިތުރަށް ކުރިއަރުވަން ބޭނުންވާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމެވެ. މިއީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ އެންމެ ފުރަތަމަ ކަންތައްތަކުގެ ތެރޭގައި ވެސް ހިމަނުއްވާފައިވާ ކަމެކެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ގާއިމުވެ ތިބި ހުރިހާ އިންޑިއާ ސިފައިން ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިން އަނބުރާ ފޮނުވައިލާނެ ކަމަށެވެ. އަދި، އެކަން ކުރައްވާނީ ދެ ސަރުކާރުގެ މެދުގައި މަޝްވަރާ ކުރެވިގެން ޑިޕްލޮމެސީގެ ހަމަތަކުގެ ތެރެއިން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.