20 May 2012, 16:56
މާލޭ ސިޓީ ކައުންސިލުން އެމްޑީޕީ އަށް ދޫކޮށްފައިވާ އުސް ފަސްގަނޑަށް އަރައި އެތަން ރޫޅާލައިފި ނަމަ މުޅި މާލޭގައި އެމްޑީޕީން މަރުކަޒުކޮށް މުޒާހަރާ ކުރާނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އެޕާޓީގެ ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ބާރުގެ ބޭނުން ކޮށްގެން އުސް ފަސްގަނޑު އަތުލައިފި ނަމަ މުޅި މާލޭގައި މުޒާހަރާކޮށް، އިހުތިޖާޖެއް ފަށާނެ ކަމަށެވެ.
"އުސްފަސްގަނޑު ބާރުގެ ބޭނުންކޮށްގެން އަތުލައިފިއްޔާ މުޅި މާލޭގައި އިޙުތިޖާޖުކޮށް މާލޭގެ އެކި ހިސާބުތަކުގައި މަރުކަޒުކުރާނަން. ބޮޑަށް ހަމަ އަމާޒުކުރާނީ އެމްއެމްއޭ ކައިރި މައި މަރުކަޒަކަށް ހަދަން،" އޭނާ ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވީ ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި، އެ ހައްގަށް އެއްވެސް ބަޔަކަށް އަރައި ނުގަނެވޭނޭ ކަމަށެވެ.
އެމްޑީޕީ އަށް ސިޓީ ކައުންސިލުން އުސް ފަސްގަނޑު ދީފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި އެހަމަތަކާއި އުސޫލު މުގުރާލުމަށް ފަހު، ފުލުހުންނާއި ސިފައިން ބޭނުންކޮށް އަސާސީ ހައްގަކަށް އަރައިގަތުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިފައިވާ ކަމަށް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"ރައްޔިތުން އަތުން އެތަން [އުސްފަސްގަނޑު] ނެގުމަށް ފަހު އެ ސަރަހައްދަކީ މާލެއަށް ގަވައިދާ ޚިލާފަށް އެތެރެވެފައިވާ ބިދޭސީން ހިތް އުފާކޮށްލަންދޭ ތަނަކަށް ހެދުންތޯ ރަނގަޅީ؟ ނޫނީ އާންމުންނަށް ފަސޭހަވާނޭ ގޮތަށް ވަކި ތަނެއްގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ހަރަކާތްތައް ހިންގަން ބޭއްވުންތޯ ރަގަޅީ؟“މޫސަ ސުވާލުކުރައްވާފައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލްގެ އިހުތިސާސްތަކުގެ ތެރެއަށް ސަރުކާރުން ވަނުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އެއްވެސް ގައުމެއްގެ ރައްޔިތުންނާ ދެކޮޅަށް އެ ގައުމެއްގެ ފުލުހުންނާއި ސިފައިން ބޭނުންކުރަން ފަށައިފި ނަމަ ހާލަތު ރަނގަޅުވެގެން ނުދާނެ ކަމަށެވެ.
މޫސަ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާ އިރު އުސް ފަސްގަނޑު ހުސްކޮށްދިނުމަށް ހޯމް މިނިސްޓްރީން ވަނީ ފުލުހުންނަށް އަންގައިފަ އެވެ. އުސް ފަސްގަނޑު ހުސް ކުރަން ހޯމް މިނިސްޓްރީން ފުލުހުންނަށް އެންގީ އުސް ފަސްގަނޑު ހުސްކޮށް އެތަން ހައުސިން މިނިސްޓްރީ އާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަމަށް އެ ކައުންސިލުން އިޖާބަ ނުދިނުމާ ގުޅިގެނެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) މިއަދު ވިދާޅުވީ އުސް ފަސްގަނޑު ނެގުމުގެ މައްސަލާގައި ހައުސިން މިނިސްޓްރީން ބުނެފައިވާ ކަންކަމަށް ރިއާޔަތްކުރުމުގެ އިތުރުން އެޓާނީ ޖެނެރަލް ދެއްވާފައިވާ ގާނޫނީ ލަފާ އާ އެއްގޮތަށް އުސް ފަސްގަޑު ނެގިދާނެ ކަމަށް ސަރުކާރަށް ފެންނާތީ އެ ސަރަހައްދު ހުސްކޮށްދިނުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
"އެޓާނީ ޖެނެރަލް ގާނޫނީ ލަފާދެއްވާފައި އެބައޮތް ސަރުކާރަށް އެތަން [އުސް ފަސްގަނޑު] ހުސްކުރެވިދާނެ ކަމަށް. އަދި ހައުސިން މިނިސްޓްރީން އަންގައިގެން ސިޓީ ކައުންސިލުން ހުސް ނުކުރިކަމަށް ވެސް ދަންނަވާފައި އޮންނާނެ ފުލުހުންނަށް،" އެފްއޭ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ އުސް ފަސްގަނޑު ހުސްކުރަން ހޯމް މިނިސްޓްރީން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އެކަމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
"އެކަން ވަނީ ހޯމް މިނިސްޓްރީން ފުލުހުންނަށް ހުށައަޅާފައި. ސީދާ އުސް ފަސްގަނޑު ނަގާނެ ވަކި ދުވަހެއް އެހެން ބުނާކަކަށް ނޭނގޭ. އެކަމާ މެދު މަޝްވަރާތައް ކުރެވެމުން ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ ސިޔާސީ ހަރަކާތްތަކަށް އުސް ފަސްގަނޑު ދިނުމަކީ އެގުރިމެންޓާ ހިލާފުވުން ކަމަށް ނުބެލެވޭ ކަމަށާއި އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އުސް ފަސްގަނޑުގައި ސިޔާސީ ހަރަކާތްތައް ހިންގަން އެ ފަސްގަނޑު އެމްޑީޕީ އަށް ދީފައި ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.
ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު އެމްޑީޕީގެ ހަރަކާތްތައް ހިންގަން ފުރަތަމަ ކޭމްޕް ޖަހާފައި ވަނީ ލޮނުޒިޔާރަތްކޮޅު، ރާޅުގަނޑު ސަރަހައްދެވެ. ނަމަވެސް ފުލުހުން ވަނީ މާޗް 19 ވަނަ ދުވަހު އެ ކޭމެޕަށް ވަދެގަނެ ކޭމްޕް ރޫޅާލައިފަ އެވެ.