18 Nov 2023, 21:07
ފަލަސްތީނަށް ތާއީދުކުރާ ބައެއް ވާހަކަތައް އެކްސްއިން މަނާކުރުމަށް އެކްސްގެ ވެރިޔާ އީލޮން މަސްކް އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.
އެކްސްގައި، ފަލަސްތީނަށް ތާއީދުކުރާ ބައެއް އިބާރާތްތައް ހުއްޓުވަން އުޅޭ ކަމުގެ އިޝާރާތެއް އެލޮން މަސްކް ދެއްވާފައިވާއިރު، އެކަމުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭ ކަމަށް، ވަކާލާތުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެކްސްގެ ވެރިޔާ، ބިލިއަނަރު މަސްކް ދާދި ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަމަނުޖެހުން ހިންގުމަށް މަގުފަހިވާ ފަދަ ލަފުޒުތައް އެކްސްގައި މަނާ ކުރާނެ ކަމަށެވެ. އެގޮތުން އޭނާ ވަނީ ބައެއް ކަހަލަ މިސާލުތައް ވެސް ގެންނަވާފައެވެ.
މަސްކް ވަނީ އިސްރާއީލުން ހިފާފައިވާ ބިންތަކުން އިސްރާއީލު ފޭބުމަށް ގޮވައިލާ އެކްޓިވިސްޓުން ބޭނުންކުރާ "ޑިކޮލޮނައިޒޭޝަން" ފަދަ ލަފުޒުތައް ވެސް ފާހަގަ ކުރައްވާފައެވެ. އަދި، އެފަދަ ބަހުރުވައަކީ އިސްރާއީލު މީހުންނާ ދެކޮޅަށް "ޖަރީމާ ހިންގުން" ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލަސްތީނާ ދެކޮޅު ސެންސަރުޝިޕްތައް އިތުރުކޮށް، ފަލަސްތީނަށް ތާއީދުކުރާ ވާހަކަތައް ހުއްޓުވުމަށް ފަހު، އިސްރާއީލަށް ސަޕޯޓްކުރާ ވާހަކަތައް ބޭނުންކޮށްގެން އެކްސްގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެ މީހުން ބުނަނީ މަނާ ކޮށްފައިވާ ލަފުޒުތައް ރަމްޒުކޮށްދެނީ ސައްހަ، ހަމަހަމަކަމަށް ގޮވާލާ ވިސްނުމެއް ކަމަށާއި ސީދާ ހަމަނުޖެހުން ހިންގުމަށް ގޮވާލުން ނޫން ކަމަށެވެ.
"އެއްވެސް ޖަމާއަތެއްގެ ޖަރީމާއަށް ވަކާލާތު ކުރާ" އެކައުންޓްތައް ސަސްޕެންޑް ކުރަން މަސްކް ވައުދުވެވަޑައިގަތުމުން އެ ވާހަކަ މި ދުވަސްކޮޅު އެންމެ ބޮޑަށް ނިސްބަތްވަނީ ފަލަސްތީނަށް ތާއީދުކުރާ ހިޔާލުތަކަށް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެވެ. ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރާ ޑިޖިޓަލް އެކްޓިވިޒަމްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް ފުޅާވަމުންދާކަން ފާހަގަކޮށްފައެވެ.
މި މައްސަލަ ހޫނުވެފައި ވާއިރު، އެކްސްއާ މަސްކް ހަވާލުވުމަށްފަހު ވިދާޅުވީ ހުރިހާ ދާއިރާއެއްގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބިގެންވާ ޕްލެޓްފޯމަކަށް އެކްސް ހައްދަވާނެ ކަމަށެވެ. ނަމަވެސް ފަލަސްތީނަށް ތާއީދުކުރާ އާންމު ވާހަކަތަކަށް އަމާޒުކޮށް މަސްކް އެޅުއްވި މި ފިޔަވަޅު ބައެއް ފަރާތްތަކުން ސިފަކުރަނީ އިންސާފާއި ހަމަހަމަ ކަމަށް ވަކާލާތުކުރާ މީހުންގެ އަޑުތައް ކަނޑުވާލަން ކުރާ މަސައްކަތެއްގެ ގޮތުގައެވެ.