ބަތަލާ ކެޓްރީނާ ކައިފް އާއި ސައުތު ސިނަމާގެ އެކްޓަރު ވިޖޭ ލީޑް ރޯލްއިން ފެންނަ ފިލްމު "މެރީ ކްރިސްމަސް" ރިލީޒްކުރުން އަނެއްކާ ވެސް ފަސްކޮށްފިއެވެ.

ހިންދީ އަދި ތަމަޅަ ބަހުން ރިލީޒްކުރާ މި ފިލްމު މީގެކުރިން ރިލީޒްކުރަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 15ގައެވެ.

މި ފިލްމަކީ، މަގުބޫލު ފިލްމުތައް ކަމަށްވާ "ބަދްލާޕޫރު"، "އަންދާދުން" އަދި "އެޖެންޓު ވިނޯދު" ފަދަ ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ސްރީރާމް ރާގަވަންގެ ފިލްމެކެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު މި ފިލްމު ރިލީޒްކުރުން މާބޮޑަށް ވެސް ދިގުލައިގެން ގޮސްފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ފިލްމު ގެނެސްދޭން ޕްރޮޑަކްޝަން ކުންފުނި ޓިޕްސް ފިލްމްސްއިން ބުނެފައި ވަނީ މި ފިލްމަކީ އެ ކުންފުނިން ވަރަށް ބުރަ މަސައްކަތާއެކު އެހާމެ ލޯބިން އުފައްދާފައިވާ ފިލްމެއް ކަމަށެވެ. ފާއިތުވެދިޔަ ދެ މަސް ދުވަހަކީ އެ ކުންފުނިން ފުލުފުލުގައި ފިލްމުތަކެއް ނިންމާ ސިނަމާތަކަށް ގެނެސްދިނުމުގައި އަވަދިނެތި އުޅުނު ދެ މަސް ކަމަށާއި ބެލުންތެރިންގެ އިންތިޒާރަށް ފެށޭ އަހަރުގެ ޖަނަވަރީ މަހު ނިމުން އަންނާނެކަމަށް ޓިޕްސް ފިލްމްސްއިން ވަނީ ބުނެފައެވެ.

ފިލްމު "މެރީ ކްރިސްމަސް"ގެ ޕޯސްޓަރެއް
ލޯބީގެ ތުރިލާއެއް ކަމަށްވާ މި ފިލްމުން ކެޓްރީނާ އާއި ވިޖޭގެ އިތުރުން ސަންޖޭ ކަޕޫރު، ވިނޭ ޕަތަކް، ޕްރަތިމާ، ޓިނޫ އާނަންދު އަދި ރާދިކާ ފެންނާނެއެވެ.

ބަތަލާ ކެޓްރީނާ ކައިފް މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ޓައިގާ3" އަށް ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތައް ލިބެމުން އަންނައިރު ވިޖޭ އެންމެ ފަހުން ފެނިފައި ވަނީ ދާދިފަހުން ބްލޮކްބާސްޓައެއްގެ މަޤާމު ހޯދި ފިލްމު "ޖަވާން" އިންނެވެ.