ރައީސުލްޖުމްޙޫރިއްޔާ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އިބްރާހީމް ލަތީފް އައްޔަންކުރައްވައިފިއެވެ.

މިއަދު ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް ލަތީފް އައްޔަން ކުރެއްވީ ސަރުކާރު އިސް މަގާމުތަކަށް ބޭބޭފުޅުން އައްޔަން ކުރެއްވުމަށް މިރޭ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ލަތީފް ވަނީ އަމިއްލަ ފުޅަށް 2007 ވަނަ އަހަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ރިޓަޔާ ކުރެއްވާފައެވެ. އެއަށް ފަހު، ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއްގެ މަގާމަށް އެ ވަޑައިގަތީ، ވެސްޓަން އޮސްޓްރޭލިޔާ ޕޮލިސްގެ ސްޓްރެޓީޖިކް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވުމަށް ފަހުއެވެ.

ލަތީފަކީ ރާއްޖޭގައި ސިފައިންނާއި ފުލުހުން އެއްކޮށް ހިންގަމުންގޮސް ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި 2004 ވަނަ އަހަރު އުފެއްދެވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. ލަތީފުގެ ބޮޑު ހިއްސާއެއް އޮވެގެން ފުލުހުންގެ މުއައްސަސާ އުފެއްދީ ދުނިޔޭގެ ފެންވަރުގެ ޕްރޮފެޝަނަލް ނިޒާމެއްގެ ދަށުންނެވެ.

ލަތީފް މަތީ ތައުލީމު ހާސިލުކުރައްވާފައި ވަނީ ވެސް ޕޮލިސިންގެ ދާއިރާއިންނެވެ.

ވެސްޓަން އޮސްޓްރޭލިއާގެ އެޑިތްކޮވަން ޔުނިވާސިޓީން އެސޯސިއޭޓް ޑިގްރީ އޮފް ސޯޝަލް ސައިންސް އިން ޕޮލިސް ސްޓަޑީޒް އަދި އޭގެ ފަހުން އިނގިރޭސި ވިލާތުގެ ލެސްޓާ ޔުނިވާސިޓީން ޕޮލިސް ސްޓަޑީޒް (ކޮމްޕެރަޓިވް ޕޮލިސް އެންޑް ސޯޝަލް ކޮންފިލްކްޓްސް) އިން މާސްޓާސް ޑިގްރީ އޭނާ ވަނީ ފުރިހަމަކުރައްވާފައިވެއެވެ.

އަދި، މި ދާއިރާއިން އެކި ފެންވަރުގެ ތަމުރީނުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަކޮށް ރަންވަނަތައް ވެސް ހާސިލު ކުރައްވާފައިވެއެވެ. އެގޮތުން ލަތީފް ވަނީ ޔުނައިޓެޑް ސްޓޭޓްސް އާމީ، އަދި ހަވާއީގެ އޭސިއާ ޕެސިފިކް ސެންޓާ ފޯ ސެކިއުރިޓީ ސްޓަޑީޒް އަދި ޔޫއެސް އާމީގައި މަތީ ފެންވަރުގެ ތަމްރީނުތައް ފުރިހަމަކޮށް ގްރެޖުއޭޓްވެފައެވެ.

ލަތީފްގެ އިތުރުން ރައީސް އޮފީހަށް އިތުރު 15 ބޭފުޅުން ވަނީ އެކިއެކި އެޑްވައިސަރީ މަގާމުތަކާއި މިނިސްޓަރުންގެ މަގާމަށް އައްޔަންކުރައްވާފައެވެ. އަދި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 މިނިސްޓަރުން ވެސް ވަނީ ހުވާ ކުރައްވައިފައެވެ.