17 Nov 2023, 22:43
އިރުއޮއްސި 6:00 ގެ ފަހުން ވެސް ގައުމީ ދިދަ ތިރި ނުކުރާން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
މިއަދު ހަވީރު ރައީސްކަމުގެ ހުވާ ކުރައްވައި މަސްއޫލިއްޔަތުތަކާ ހަވާލުވެލެއްވި ރައީސް މުއިއްޒު އެފަދައިން ނިންމެވިކަން އިއުލާނު ކުރެއްވީ، މިއަދު ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
"މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ދިދަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި ވަނީ އެ މަނިކުފާނުގެ ހިތުގައި ގައުމަށް އޮތް ލޯބި ވަރަށް ބޮޑަށް ދައްކުވައިދެއްވައިފައެވެ.
ރައީސް ވަނީ އާ ސަރުކާރުން ގައުމިއްޔަތު ދިރުވާއި އާލާކުރަން ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރައްވައިފައެވެ.
"މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހީން ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރޭށޭ. އެކުވެރިވާށޭ. ބައިބައިނުވާށޭ،" ރައީސް ވިދާޅުވިއެވެ.
މިއަދު ރައީސް ނިންމެވި ނިންމެވުމާ އެކު އިރުއޮއްސި 6:00 ވިޔަސް ދެން ގައުމީ ދިދަ ތިރިއެއް ނުކުރާނެއެވެ.
ކުރީގައި އޮންނަ ގޮތުން ބައެއް އޮފީސްތަކުގައި ނަގާފައި ހުންނަ ގައުމީ ދިދަތައް އިރުއޮއްސުމުން ތިރި ކުރެއެވެ.