20 May 2012, 16:22
ނޮކިޔާ ފޯނުގެ ވާހަކަ އެވެ. ނޮކިޔާ ފޯނު ވަރެއް ކުރިން ހަމަ ނެތެވެ. ނޮކިޔާ ފޯނެއް ނޫނީ ބޭނުން ކުރަން އެންގޭ މީހަކުވެސް އޭރު ނުހުރެއެވެ. އެހާ ފަސޭހަ ފޯނެއް ނުލިބިގެން އެތައް ހާސް ބަޔަކު އޭރު މިރާއްޖޭގައި އުޅުނު އިރު މުޅި ދުނިޔޭގަ ވެސް އެންމެ ގިނަ އިން ވިއްކާ އެންމެ ގިނަ މީހުން ބޭނުންކުރާ ފޯނަކީ ހަމަ ނޮކިޔާއެވެ. އެހެނަސް މިހާރު މިދެންނެވި ހުރިހާ ކަމެއް މިވަނީ ބަދަލުވެފައެވެ. މާޒީވެފައެވެ. ހަމަ އެކަނި މަސްވެރިންނާ ބަންގާޅު މީހުންގެ ފޯނަކަށް ނޮކިޔާ ފޯނުވެފައިވާ ކަމަށް ރާއްޖޭގެ ގިނަ ޒުވާނުން ދަނީ ބުނަމުންޏެވެ...!!!
އެކި އެކި ބުރޭންޑު ތަކުގެ، ސުމާރޓު ފޯނުތަށް މިރާއްޖޭގެ އެންމެން އަތުގަ އޮތް ނަމަވެސް އިއްޔެއާއި ހަމައަށް ނޮކިޔާ ފޯނަކީ އެންމެ ގިނަމީހުން ބޭނުންކުރާ އެންމެ ގިނައިން ބާޒާރުގައި ވިއްކާ ފޯނެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ނިމުމާއި އެކު ސަމްސަން ކުންފުނިން ވިއްކި ފޯނުގެ އަދަދު ގިނަވެ ނޮކިޔާ ކުންފުނިން ދަމަހައްޓަމުން އައި ރިކޯރޑު މިވަނީ ވައްޓާލާފައެވެ. ދުނިޔޭގަ އެންމެ ގިނައިން ވިއްކާ ފޯނަކީ ސަމްސަން ބުރޭންޑުގެ ފޯނުތައްކަމަށް ރަސްމީކޮންމިވަނީ އިއުލާނުވެސް ކޮށްފައެވެ.
ނޮކިޔާ ކުންފުނިން ވަނީ އެމީހުން ބަލިވެއްޖެ ކަން ޤަބޫލު ވެސް ކޮށްފައެވެ. ވުމާއެކު މިހާރު އުފެދޭ ސުވާލަކީ ނޮކިޔާ ކުންފުނީގެ މޯބައިލް ފޯނު ވިޔަފާރި ވެއްޓިގެން މިދިޔައީ ކޮން ސަބަބަކާ ހުރެހެއްޔެވެ..؟ ނޮކިޔާ ފޯނު ވަރެއްނެތިގެން އުޅުނު ޒަމާން މާޒީވެ މިދިޔައީ ކޮން މޮޅުކަމެއް ނޮކިޔާ ފޯނުގައި ނެތިގެން ހެއްޔެވެ.؟ ޙާއްސަކޮން ދިވެހި ޒުވާނުން ނޮކިޔާ ފޯނުތަކާއި ދުރައް ދިޔައިރު ދުނިޔޭގެ ބާޒާރުގައި ނޮކިޔާ ކުންފުނިން ދަމަހައްޓަމުން ދިޔަ ރިކޯރޑު ވެއްޓިގެން ދާންޖެހުނު ސަބަބަކީ ކޮބައިހެއްޔެވެ.؟ މަސައްތަކުގައި އުޅޭ ބިދޭސީންގެ ނުވަތަ ބަންގާޅު މީހުންގެ ހާއްސަ ފޯނަކަށް ނޮކިޔާފޯނުވެ ދިވެހި މަސްވެރިންގެ އަތްމަތީ ފޯނެއްގެ ގޮތުގައި ނޮކިޔާ ފޯނު ވެގެން ދިޔައީކޮން ސަބަބަކާ ހުރެހެއްޔެވެ..؟
މަދު އަހަރުތަކެއްގެ ތެރޭގައި ފޯނުގެ ބާޒާރުގެ ބޮންތިޔަށް ވާދަވެރި އެޕަލް ކުންފުނިވެސް އަދި ފޯނު އުފައްދާ އެހެން ކުންފުނިތައްވެސް، ފަހަތައް ޖައްސާލުމަށް 70 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ސައުތު ކޮރެޔާގެ ސަމްސަން ކުންފުނި ޖެހިލީ ވަރަށް ގިނަ ސަބަބު ތަކަކާ ހުރެއެވެ. ސަމްސަން ކުންފުނި އެމީހުންގެ ފޯނުގެ ވިޔަފާރި މެކުހަށް ޖެހީ އެންޑުރޮއިޑު މޯބައިލް އޮޕަރޭޓިން ސިސްޓަމް ނެރުނު ހިސާބުން ފެށިގެން ކަމަށް ޓެކުނޮލޮޖީ ދާއިރާގެ މާހިރުން ދެކެއެވެ. އޭގެ ކުރިން ވެސް ސަމްސަން މޯބައިލް ފޯނު ދުނިޔޭގެ ބާޒާރުގައި ވިއްކަމުން ދިޔަ ނަމަވެސް އެޕަލް އަދި ނޮކިޔާ ފޯނު ތަކާއި ގާތަށްވެސް ވިޔަފާރި އެއް ނުކުރެވެއެވެ. ބޭނުން ކުރާ މީހުންނާއި މާރައްޓެހި ފޯނެއް ކަމަކަށް ގިނަ ބަޔަކު ނުދެކެއެވެ. އޮޕަރޭޓިން ސިސްޓަމް ފަސޭހަ ނޫންކަމަށް ދިވެހިން ބުނެއެވެ.
މަސްހޫރު ނޮކިޔާ ފޯނުތައް މަރުވެގެން ދިޔައީ އެފޯނުތަކަށް އެންޑުރޮއިޑު އޮޕަރޭޓިން ސިސްޓަމް އަޅަން ބޭނުން ނުވީމަ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެޕަލް އައިފޯނުގެ ރީތި ކަމާއި އޮމާން ކަމުގެ ޖާދޫގައި އެތައް މިލިއަން ބަޔަކު ޖެހިގެން ދިޔަ ވަގުތު އެންމެ ގިނަ ބަޔަކަށް އިހުސާސްވީ އިންގިލި ކުރިން ކޮށްޓާލުމަށް ނޮކިޔާފޯނު ކަމުނުދާ ކަމަށެވެ. އަދި އައިފޯނުގެ އޮމާން ކަމާއި މޮޅުކަމުގެ ޖާދޫ ފަނޑުކޮށްލެވޭނެ ދެވަނަ ފޯނެއް ނުނެރެވޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް މަދު ދުވަސްކޮޅެއް ފަހުން އެންޑުރޮއިޑު އޮޕަރޭޓިން ސިސްޓަމާއި އެކު ސަމްސަން އަދި އެޗު.ޓީ.ސީ ފޯނުތައް ނެރެއް ފެށިއެވެ. އެ ވަގުތު ނޮކިޔާ އެމީހުންގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމް ސިންބިއަން އޯ.އެސް ކަމުނުދާކަމަށް އެއްބަހެއް ނުވިއެވެ. އަދި އިންގިކުރިން ކޮށްޓަން ފަސޭހަ ނޫން ކަމަށް ބުނި މީހުންގެ އަޑެއް ނޭހިއެވެ.
ދަނޑިވަޅުގެ ބޭނުން ސަމްސަން ކުންފުނިން ހިފައި، އެމީހުންގެ ހުރިހާ ސަމާލު ކަމެއް އެންޑުރޮއިޑުން ހިންގާ ފޯނުތައް އުފެއްދުމަށް ހުސްކޮށްލިއެވެ. އެންމެ ފަހުގެ މޮޑެއްތަކުގެ ފޯނު އުފައްދައި، ރީތި އަދި އެހާމެ ފުރިހަމަ ސިފަތަށް ހިމަނައިގެން އައިފޯނަށް ވުރެ ވަރުގަދަ ހާރޑުވެއަރއާއި އެކު ނެރެއްފެށިއެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ފޯނަކީ ސަމްސަން ގެލެކުސީ އެސް ދޭއް ކަމުގައި ވުމީވެސް އޭގެ ހެއްކެކެވެ. އެއާއި އެކު އައިފޯނަށް ދެވި ހިފާފައިވާ ޒުވާނުންގެ މެދުގައި ސަމްސަން ސުމާރޓުފޯނުގެ މޮޅު ވާހަކަ ދެކެވި މަޤުބޫލުވި ވަގުތު، ގެލެކުސީ ނޯޓު ކިޔާ ސައިޒުން ބޮޑު ޓެބުލެޓަކާއި އަދި ޖީބައްލެވޭ ފޯނެއްގެ ބޭނުންވެސް އެކައްޗަކުން ކޮއްލެވޭނެ ފޯނެއްގެ ގޮތުގައި އެފޯނު ނެރުނެވެ. އައިޕެޑާއި އައިފޯނުވެސް ގިނަ ބަޔަކު ދޫކޮށްލުމަށް ފަހު ގެލެކުސީ ނޯޓު ތައް ހޯދަން ފެށުމަކީ މިއަދު ދުނިޔޭގެ ބާޒާރުގައި ސަމްސަން އެއްވަނަ ހޯދި އެއް ސަބަބު ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މަސްހޫރު ނޮކިޔާ ކުންފުނި ދުނިޔޭގެ ދެވަނަ އަށް ވެއްޓުނަސް އެމީހުން އަދި އޮށްސިގެން ނުދާނެ ކަމަށް ދަނީ ބުނަމުންޏެވެ. ކުރިންވެސް އަޑި އަޅާޅިކަމަށާއި އަނޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ ކަމަށް ނޮކިޔާ ކުންފުނިން ބުނެއެވެ. އެގޮތުން މައިކުރޯސޮފްޓާއި ގުޅިގެން އުފައްދާ ސުމާރޓު ފޯނުތައް މިހާރުވެސް ވިއްކަމުންދާއިރު ވިންޑޯސް އަށެއް އަޅައިގެން މިއަހަރު ފަހުކޮޅު އައު ފޯނުތަކެއް ނެރޭނެ ކަމަށް ނޮކިޔާއިން ވަނީ އިއުލާނު ކޮށްފައެވެ. އިންގިލި ކުރިން ކޮށްޓާލުމަށް ވިންޑޯސް އަށެއް، އެންޑުރޮއިޑަށް އަދި އެޕަލް އައި.އޯ.އެސް އަށް ވެސް ދޫނުކުރާނެ ކަމަށް ދަނީ ބުނަމުންޏެވެ.
ކޮންމެ އަކަސް އެވަރެއް ނެތިގެން އޭރު އުޅުނު ނޮކިޔާ ފޯނުތަކުގެ މަގުބޫލުކަން ރާއްޖެއިން މިވަނީ ފަނޑުވެފައެވެ. ފޯނުވިއްކާ ފިހާރަ ތަކުން ނޮކިޔާ ޓޯޗުބައްތި ފޯނު ގަންނަށްދާ ބަނގާލު މީހުން މިހާރު ގިނަ ވެފައިވިޔަސް މިއަހަރުގެ ފަހުކޮޅު އެކަން ބަދަލުވެގެން ދިއުމަކީ ހަމަ ވެދާނެ ކަމެކެވެ. ވިންޑޯސް އަކީ އަދިވެސް ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އޮޕަރޭޓިން ސިސްޓަމަށް ވެފައި ވިންޑޯސް އަށެއްގެ ފުރިހަމަ ކަން ތަޖުރިބާ ކޮށްލުމަށް މިހާރު ދޫކޮށްފައި ވުމުން އެންގި ހާމަވެގެން ދަނީ ވިންޑޯސް އަށަކާއި އެކު ނޮކިޔާގެ މޮޅު ފޯނުތަކެއް ނިކުމެއްޖެ ނަމަ އެފޯނުތައް ވައިގަ ހިފާ، ގެއްލިފައިވާ މަޤާމު އަޅުން ހޯދުމަށް އެހީތެރިވެދޭނެ ކަމެވެ. އޭރުން އަނެއްކާވެސް ނޮކިޔާގެ ޒަމާން އެންބުރި އައުމަކީ ހަމަ ގާތް ކަމެކެވެ.