ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް މިއަދު ޢައްޔަންކުރައްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖާ ޖެނެރަލް އަބްދުއްރަހީމް އައްޔަން ކުރެއްވީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިއްމު މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށް މިރޭ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މީގެ ކުރިން، އެނާ ހުންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

މޭޖާ ޖެނެރަލް އަބްދުއްރަހީމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 18 ފެބްރުއަރީ 1985 ގައެވެ. އޭގެ ކުރިން މަޖީދިއްޔާ ސްކޫލުން ވަނީ ތައުލީމު ހާސިލުކުރައްވައިފައެވެ.

އަބްދުއްރަހީމަކީ ރާއްޖޭގެ ޑިފެންސް ސާވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުން ޑިގުރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ޕާކިސްތާނުގެ އެމްއެންޑީއެފް އެންސީއޯ ކެޑޭ ކޯހާއި ސިގްނަލްސް ޔަންގް އޮފިސާ އަދި މީޑް ކެރިއާ ކޯހާއި އިންޑިއާގެ ކޮލެޖް އޮފް ޑިފެންސް މެނޭޖްމަންޓްގެ ޑިފެންސް މެނޭޖްމަންޓް ކޯސް ފަދަ ތަފާތު ތަމްރީނުތައް އޭނާ ވަނީ ފުރިހަމަ ކުރައްވައިފައެވެ.

މޭޖާ އަބްދުއްރަހީމް ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު އެމްއެންޑީއެފްގެ ރަސްމީ ތަރުޖަމާނުގެ މަގާމު ވެސް އަދާކުރެއްވިއެވެ.