17 Nov 2023, 20:20
ރައްޔިތުންގެ މަޖިލީހުގެ ހަ މެންބަރަކު އާ ސަރުކާރުގެ އިސް ބައެއް މަގާމުތަކަށް އައްޔަން ކުރެއްވުމާ ގުޅިގެން މަޖިލީހުގެ ހަ ގޮނޑި ހުސްވެއްޖެއެވެ.
މިއަދު ހަވީރު ރައީސްކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވަނީ އާ ސަރުކާރުގެ ކެބިނެޓަށް 22 ބޭފުޅުން އައްޔަންކޮށްފައެވެ. އޭގެ ތެރޭގައި އަލަށް އުފެއްދެވި ބައެއް ވުޒާރާތައް ވެސް ހިމެނެއެވެ.
މިއަދު ކެބިނެޓަށް އައްޔަން ކުރެއްވި މަޖިލީސް މެންބަރުން:
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު - އިކޮނަމިކް މިނިސްޓަރު ކަމަށް
- މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު - ލޯކަލް ގަވަނަންސް މިނިސްޓަރު ކަމަށް
- ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން - ޑިފެންސް މިނިސްޓަރު ކަމަށް
- ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް - ފިޝަރީސް މިނިސްޓަރު ކަމަށް
- ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް - ބަންޑާރަނައިބުގެ މަގާމަށް
އެ ބޭބޭފުޅުން ވަނީ ވަޒީރުންގެ މަޖިލީހަށް ވަޑައިގަތުމަށް މަޖިލީސް މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
މި ފަސް ބޭފުޅުންގެ އިތުރުން، މިއަދު ނައިބު ރައީސްކަމުގެ ހުވާ ކުރައްވަން ކުރިން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ހުސައިން މުހައްމަދު ލަތީފު ވެސް މީގެ ކުރިން ވަނީ މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
އެހެންވެ، މިހާރު މި ހިނގާ 19ވަނަ މަޖިލީހުގެ ހަ ގޮނޑިއެއް މިހާރު ވަނީ ހުސްވެފައެވެ.
އެކަމަކު، އެ ގޮނޑިތައް ހުސްވި ނަމަވެސް އެ ދާއިރާތަކަށް އަލަށް މެންބަރުން އައްޔަން ކުރަން ބައި-އިލެކްޝަން ނުބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.