Last Updated:
2 year 1 week ago

ޑރ. މުއިއްޒުގެ މިނިސްޓަރުން ހުވާކުރެއްވުން

    ބުލޮގު ޚުލާސާ

    މިއަދު ވެރިކަމުގެ ހުވާ ކުރެެއްވި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓް މެންބަރުން ވަނީ ހުވާ ކުރައްވަން ފައްޓަވާފައެވެ.

    20:34

    ޓްރާންސްޕޯޓް މިނިސްޓަރު - މުހައްމަދު އަމީން (ކެޕްޓަން އަމީން)

    ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން މެނޭޖަރު ކަމާއި ޑރ. މުއިއްޒުގެ ވެސް ކެމްޕޭން މެނޭޖަރުކަން ކުރައްވާފައިވާ ކެޕްޓަން އަމީން ވަނީ އޭވިއޭޝަން ދާއިރާގައި 26 އަހަރު ޚިދުމަތް ކުރައްވާފައެވެ. އޭނާ ވަނީ އައިލެންޑް އޭވިއޭޝަންގެ ކުރީގެ އޮޕަރޭޝަންސް ޑިރެކްޓަރުކަން ކުރައްވާފައެވެ.

    ދެހާސް ނަވާރައިގައި އަމީން މަގާމުން ވަކިކުރި މައްސަލަ ކޯޓަށް ހުށަހެޅުމުން އޭނާއަށް އަލުން މަގާމުދީ، ގެއްލުމުގެ ބަދަލު ދިނުމަށް ސިވިލް ކޯޓުން އަންގާފައިވެއެވެ.

    20:32

    ހައުސިން މިނިސްޓަރު - ޑރ. އަލީ ހައިދަރު

    ޑރ. ހައިދަރަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ތިން މަހަށް ހައުސިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ، ޑރ. މުއިއްޒު 2021 ވަނަ އަހަރު މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވިއިރު ތާއިދު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ.

    އިނގިރޭސިވިލާތުން މަތީ ތައުލީމް ހާސިލުކުރެއްވި ޑރ. އަލީ ޑިގްރީ ހާސިލުކުރެއްވީ ޓައުން އެންޑް ކަންޓްރީ ޕްލޭނިން ދާއިރާއިން ޔުނިވާސިޓީ އޮފް މެންޗެސްޓާއިންނެވެ. އަދި، ޕީއެޗްޑީ ހާސިލުކުރެއްވީ ޕްލޭނިން ސްޓަޑީސްއިން ޔުނިވާސިޓީ ކޮލެޖު ލަންޑަނުންނެވެ.

    20:31

    ހޯމް މިނިސްޓަރު - އަލީ އިހުސާން

    އެމްއެންޑީއެފުގައި 10 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު 2017ގައި އިސްތިއުފާ ދެއްވި އިހުސާން ސިޔާސީ ދާއިރާއަށް ރަސްމީކޮށް ނުކުމެވަޑައިގަތީ 2021ގައެވެ. އެއާ އެކު އޭނާ ގުޅިވަޑައިގަތީ އެމްއެންޕީއާއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާ ވަނީ އެ ޕާޓީން ވަކިވެފައެވެ.

    ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ސެޕްޓެމްބަރު 29، 2015ގައި އެ މަނިކުފާނު އުފެއްދެވި ކޮމިޝަނުގައި އިހުސާން ހިމެނުނެވެ.

    އޭނާ ވަނީ އެމެރިކާގެ މިލިޓަރީ އެކެޑެމީ ވެސްޓްޕޮއިންޓްއިން, ޑިފެންސް އެންޑް ސްޓްރެޓީޖިކް ސްޓަޑީސްއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، ސިންގަޕޫރުގެ ނަންޔަންސް ބިޒްނަސް ސްކޫލުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

    20:23

    ފޮރިން މިނިސްޓަރު - މޫސާ ޒަމީރު

    ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިސް ބޭފުޅެއް ކަމަށްވާ މޫސާ ޒަމީރު ވަނީ އެ މަނިކުފާނުގެ ވެރިކަމުން ފެށިގެން 2015އިން 2019 އަށް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައެވެ. އޭނާ ވަނީ 2009އިން 2014އަށް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.

    ޒަމީރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސަންޑަލެންޑްއިން ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި، ހަމަ އެ ގައުމުގެ ކާޑިފް މެޓްރޯޕޮލިޓަން ޔުނިވާސިޓީން އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

    20:16

    އިސްލާމިކް މިނިސްޓަރު - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

    ދެހާސް ބާރައިން 2015އަށް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. ޝަހީމަކީ، 2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިން މޭޓެވެ. އޭނާ ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމާއި ވިލާ ކޮލެޖުގެ ޑީންގެ މަގާމު މީގެ ކުރިން ފުރުއްވާފައެވެ.

    ޑރ. ޝަހީމް އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން، އިސްލާމިކް ޝަރީއާއިން ބެޗްލާސް ޑިގްރީ ހޯއްދެވިއިރު، ޕީއެޗްޑީ ހާސިލުކުރެއްވީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިންނެވެ.

    20:13

    ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާސްއަށް އައްބާސް ޝަރީފް

    ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑްއަށް އަހުމަދު އަލީ ޖަނާހު

    ޗީފް އޮފް ޑިފެންސް ކަމަށް މޭޖާ ޖެނެރަލް އަބްދުއްލަތީފް އަބްދުއްރަހީމް

    20:11

    ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް، ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނާ އިބްރާހީމް ލަތީފް އައްޔަންކޮށްފި

    20:08

    ހަޔަ އެޑިއުކޭޝަން މިނިސްޓަރު - ޑރ. މަރިޔަމް މާރިޔާ

    ސިޔާސީ ދާއިރާއާ މާ ދޯޅަ ބޭފުޅަކަށް ނުވި ނަމަވެސް، ޑރ. މާރިޔާއަކީ ތައުލީމީ ދާއިރާއިން ގިނަ ފާސްތަކެއް ހޯއްދަވައި، އެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

    އޭނާ ވަނީ އޮސްޓްރޭލިއާއާއި ނިއު ޒިލެންޑުން މަތީ ތައުލީމް ހާސިލުކުރައްވާފައެވެ. އެގޮތުން ޔުނިވާސިޓީ އޮފް ކެންބެރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އެ ގައުމުގެ މާސޭ ޔުނިވާސިޓީން ޕީއެޗްޑީ ނަންގަވާފައިވެއެވެ. ރާއްޖޭގައި އޭނާ ވިލާ ކޮލެޖާއި، އިސްލާމިކް ޔުނިވާސިޓީ އާއި ގައުމީ ޔުނިވާސިޓީގައި ވެސް ޚިދުމަތް ކުރައްވާފައިވެއެވެ.

    20:08

    ސްޕޯޓްސް މިނިސްޓަރު - އަބްދުﷲ ރާފިއު

    ރިހެބިލިޓޭޝަން ސްޕެޝަލިސްޓެއް ކަމަށް އަބްދުﷲ ރާފިއު ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ އިތުރުން، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ އެހެން އެތުލެޓިކްސް ޓީމްތަކުގެ ފިޒިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

    އޭނާ ވަނީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް ފިސިކަލް މެޑިސިން އެންޑް ރީހެބިލިޓޭޝަނުން, ސްޕޯޓްސް ފިސިއޯތެރަޕީ އާއި ސްޕޯޓްސް ފިސީޝަން ކޯސް ވެސް ހައްދަވާފައެވެ.

    20:04

    ހެލްތު މިނިސްޓަރު - ޑރ. އަބްދުﷲ ހަލީލް

    ޑރ. ހަލީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ޕީޕީއެމްގެ ނިލަންދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް މީގެ ކުރިން ފުރުއްވާފައެވެ.

    ދެހާސް ފަނަރައިގައި، ޕަބްލިކް ޕޮލިސީ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވި ޑރ. ހަލީލްގެ ތީސިސް ޚާއްޞަކުރެއްވީ ރާއްޖެ ލާމަރުކަޒު ކުރުމުގެ މައުޟޫއަށެވެ.

    20:04

    ތިމާވެއްޓާ ބެހޭ މިނިސްޓަރު - ތޯރިގު އިބްރާހިމް

    ތޯރިގު އިބްރާހީމަކީ ރައީސް ޔާމީން ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރެވެ. އޭނާ ވަނީ 1995 ވަނަ އަހަރު ލޮފްބަރޯ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިން އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވައި، 2002 ވަނަ އަހަރު ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީން ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައި، 2004 ވަނަ އަހަރު ޕްރެސްޓަން ޔުނިވާސިޓީން އެމްބީއޭ ހާސިލްކުރައްވާފައެވެ.

    20:04

    ފިނޭންސް މިނިސްޓަރު - ޑރ. މުހައްމަދު ޝަފީގް

    ޑރ. މުޙައްމަދު ޝަފީގަކީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)އެވެ. އޭނާ އެ ކުންފުންޏާ ގުޅިވަޑައިގަތީ 2009ގައެވެ. އޭނާގެ ސީއެފްއޯގެ މަގާމަށް އައްޔަންކުރީ 2021ގައެވެ.

    ޝަފީގް ވަނީ، ލަންކާގެ ޔޫރަޕިއަން އިންސްޓިޓިއުޓް އޮފް ޕްރޮފެޝަނަލް އެޑިއުކޭޝަން މެދުވެރިކޮށް އައިއައިސީ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ ކެމްބޯޑިއާއިން، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރައްވާފައެވެ.

    20:01

    ޑިފެންސް މިނިސްޓަރު - ޣައްސާން މައުމޫން

    ކުރީގެ ރައީސް މައުމޫންް އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫނަކީ އޭނާ ބޮޑުބޭބެ ވިދާޅުވާ، ކުރީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމަށް އެންމެ ވަފާތެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

    ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން ވަނީ، ކިންގްސް ކޮލެޖް ލަންޑަންއިން މޮލިކިއުލާ ބަޔޮލޮޖީ އެންޑް ބަޔޯމެޑިކަލް ސައިންސަސް ރިސާޗް ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައެވެ.

    19:58

    އެޑިއުކޭޝަން މިނިސްޓަރު - ޑރ. އިސްމާއިލް ޝަފީއު

    ޑރ. އިސްމާއީލް ޝަފީއު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. ދެހާސް ވިހީގައި އޭނާ ވަނީ އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަން ފެކަލްޓީގެ ޑީން ކަމަށް އައްޔަންކޮށްފައެވެ.

    ޑރ. އިސްމާއީލް ޝަފީއު ޓީޗިން ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރެއްވީ ގައުމީ ޔުނިވާސިޓީންނެވެ. އެއަށް ފަހު އެޑިއުކޭޝަނަލް މެނޭޖްމެންޓް ދާއިރާއިން ޔުނިވާސިޓީ މަލަޔާއިން މާސްޓާސް ޑިގްރީ ހޯއްދަވައި، އިނގިރޭސިވިލާތުގެ ޑާހަމް ޔުނިވާސިޓީން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ.

    19:58

    އިންފްރާސްޓްރަކްޗާ މިނިސްޓަރު - ޑރ. އަބްދުﷲ މުއްތަލިބް

    ޑރ. މުއިއްޒު އަލަށް އުފައްދަވާ މި ވުޒާރާގެ މިނިސްޓަރަކަށް އައްޔަން ކުރައްވަނީ އެ މަނިކުފާނު ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު ނައިބެއްގެ ގޮތުގައި ހުންނެވި މުއްތަލިބެވެ.

    އޭނާއަކީ ވެސް އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖު ލަންޑަނުން، އިންޖިނިއަރިން ދާއިރާއިން ޕީއެޗުޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

    19:57

    އެގްރިކަލްޗާ މިނިސްޓަރު - ޑރ. އައިޝަތު ރަމީލާ

    ޑރ. އައިޝަތު ރަމީލާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ރަމީލާ ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ކުރައްވައިފައެވެ.

    19:55

    އިކޮނޮމިކްސް މިނިސްޓަރު - މުހައްމަދު ސައީދު

    ސައީދަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ވެސް އިކޮނޮމިކް މިނިސްޓަރެވެ. އޭނާއަކީ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސެއް ވެސްމެއެވެ.

    ސައީދު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންހަމްއިން، އެމްއެސް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ދާއިރާއިން މާސްޓާސް ޑިގްރީ ހޯއްދަަވާފައެވެ.

    19:54

    ޓޫރިޒަމް މިނިސްޓަރު - އިބްރާހިމް ފައިސަލް

    ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައެވެ. ޕީއެންސީގެ ސެނެޓު މެންބަރެއް ކަމަށްވާ ފައިސަލް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް 2018ގައި ކުރިމަތިލެއްވި ނަމަވެސް ނާކާމިޔާބުވިއެވެ.

    ފައިސަލް ވަނީ މެލޭޝިއާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފައެވެ.

    19:52

    ލޯކަލް ގަވަނަންސް މިނިސްޓަރު - އާދަމް ޝަރީފް އުމަރު

    ކައުންސިލްތަކަށް ޚާއްސަކުރާ މިނިސްޓްރީއަށް އައްޔަން ކުރަނީ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައެވެ. އޭގެ ކުރިން، އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުކަން ވެސް އޭނާ ކުރެއްވިއެވެ.

    އާދަމް ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާއިން، ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

    19:51

    ފިޝަރީޒް މިނިސްޓަރު - އަހްމަދު ޝިޔާމް

    މިހާރު ނައިފަރު ދާއިރާގެ މެމްބަރުކަން ކުރައްވާ ޝިޔާމަކީ ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. މިއީ އޭނާ ނައިފަރު ދާއިރާގެ މެމްބަރުކަން ކުރައްވާ ދެވަނަ ދައުރެވެ. ޝިޔާމަކީ ޕީޕީއެމްގެ ނައިބު ރައީސެވެ.

    ޝިޔާމްގެ ޒުވާން ދުވަސްވަރު އޭނާ އުޅުއްވީ ޓޫރިޒަމް ދާއިރާގައެވެ. ކުޅަދާނަ ޑައިވަރެއްގެ ގޮތުގައެވެ.

    19:48

    ބަންޑާރަ ނައިބު - އަހްމަދު އުޝާމް

    ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އުޝާމަކީ ގާނޫނީ ވަކީލެކެވެ. އޭނާ ގާނޫނީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުންނެވެ.

    އުޝާމް ވަނީ މީގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމާއި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ.

    އުޝާމް ދެހާސް ނަވާރަވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުން ނަމަވެސް، އޭނާ ވަނީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާ އެއްކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އުޝާމަކީ އެ ޕާޓީގެ ނައިބު ރައީސެކެވެ.

    19:48

    ޖެންޑާ މިނިސްޓަރު ކަމަށް ޑރ. އައިޝަތު ޝިހާމް

    އައިޝަތު ޝިހާމް އަލުން ކެބިނެޓާ ގުޅިވަޑައިގަންނަވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވުމަށްފަހުގައެވެ.

    އޭނާ ވަނީ ޔުނިވާސިޓީ އޮފް ސައުތު ޕެސިފިކް އިން ގައިޑެންސް އެންޑް ކައުންސެލިން ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، އޮސްޓްރޭލިއާގެ މެކެރީ ޔުނިވާސިޓީން ކައުންސެލިން ސައިކޮލޮޖީގެ މާސްޓާސް ޑިގްރީ ހޯއްދަވާފައެވެ. ޑރ. އައިޝަތު ޕީއެޗްޑީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނިއު ކާސަލްއިން، ސައިކޮލޮޖީ ދާއިރާއިންނެވެ.

    19:47

    ގައުމިއްޔަތު މިނިސްޓަރަކަށް އާދަމް ނަސީރު އިބުރާހިމް

    ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އާދަމް ނަސީރަށް މުއިއްޒުގެ ސަރުކާރުން ހަވާލުކުރަނީ އަލަށް އުފައްދާ ގައުމިއްޔަތު މިނިސްޓްރީއެވެ.

    ޅެންވެރިކަމާއި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ރޮނގުން 2007 ވަނަ އަހަރު ޒުވާނުންގެ ގައުމީ އިނާމު އާދަމް ނަސީރަށް އަރުވާފައިވެއެވެ. އޭނާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ މިހާރު 29 އަހަރު ވަނީ ވެފައެވެ.

    19:43

    މިނިސްޓަރުންނަށް ހުވާލައިދެއްވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން

    19:39

    އެންމެ ފުރަތަމަ އައްޔަންކޮށްފައި ވަނީ ރައީސްގެ ޚާއްސަ މުޝީރުގެ މަގާމަށް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ. އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ސީނިއާ މިނިސްޓަރެއްގެ ގޮތުގައި.

    19:38

    ޑރ. މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ހިމެނިވަޑައިގަންނަވާ