17 Nov 2023, 18:15
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް، މަޣުރިބު ނަމާދު ޖަމާއަތުގައި ކުރައްވައިފިއެވެ.
މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި އޮތް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ނިމުނީ މަޣުރިބު ނަމާދުގެ ވަގުތު ކައިރި ވެފައި ވަނިކޮށެވެ. ރަސްމިއްޔާތަށް ފަހު ރައީސާއި ނައިބު ރައީސް ވަޑައިގެންނެވީ ނަމާދަށެވެ.
އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދު ކުރެއްވީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް އައްޔަން ކުރައްވާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. ފުރަތަމަ ސަފުގައި ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން ހުންނަވައި ނަމާދު ކުރެއްވިއެވެ.
މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި އަލަށް ފެނުނު މަންޒަރެކެވެ. އާއްމުކޮށް ރައީސުން ހުވާ ކުރެއްވުމަށް ފަހު ވަޑައިގަންނަވަނީ ކެބިނެޓް އައްޔަން ކުރެއްވުމަށް ރައީސް އޮފީހަށެވެ.
މި ސަރުކާރުގެ ކެބިނެޓް ހުވާ ކުރެއްވުން އޮތީ މިރޭ 7:45 ގައި ރައީސް އޮފީހުގައެވެ.
އާ ސަރުކާރެއް އައުމާ ގުޅިގެން އުފާފާޅު ކުރުމަށް ހަވާ އެރުވުން މިރޭ 9:00 ގައި އިއްޒުއްދީން ފާލަން ސަރަހައްދުގައި އޮވެއެވެ.