ކޮންމެ އަންހެނަކުވެސް ޒީނަތް ތެރި ވުމުގެ ގޮތުން ތަފާތު އެކި ކަންތައްތަކެއް ކުރެވޭތޯ ބަލައެވެ. ކޮންމެ މީހަކުވެސް ބޭނުން ވާނީ އަބަދުވެސް ރީތި ކޮށް ހުންނާށެވެ. އާންމު ގޮތެއްގައި ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ އަމިއްލަ ނަފްސާ ކޮށްލާ ބައެއް ސުވާލުތަކެއްވެއެވެ. އެގޮތުން "އަހަރެންގެ ހަން އިތުރަށް މަޑުވާނީ ކީއްކުރީމަ ބާވައޭ؟" ، "އަހަރެން މިއަށްވުރެ ރީތި ވާނީ ކިހިނެއްހެދީމަ ބާވައޭ؟" "ޒީނަތް ތެރި ވުމުގެ ގޮތުން ކުރަން އެންމެ ފައިދާ ކުރުވަނިވި ކަންތައްތަކަކީ ކޮބައި ބާވައެވެ؟" މިއީ ހައްތަހާ ވެސް ސުވާލެވެ.

އެހެން ކަމުން މި އާޓިކަލް ގައި މި ބަލައިލަނީ ޒީނަތްތެރި ވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

1. އެސްފިޔައިގައި މަސްކަރާ ހާކާއިރު ދެފަހަރު ހާކާށެވެ. އެންމެ ފުރަތަމަ ފަހަރު މަސްކަރާ ހާކާފައި ހިކެންދެން ބަހައްޓާށެވެ. އެއަށްފަހު ދެވަނަ ފަހަރު ހާކާށެވެ. މަތީ އެސްފިޔަގޮތަށް ލޮލުގެ ތިރީ އެސްފިޔަތަކުގައި ވެސް ދެފަހަރު މަސްކަރާ ހޭކެމުން ލޮލުގެ ރީތިކަން އިތުރަށް ފާޅު ވާނެއެވެ.

2. މޫނު ރަނގަޅަށް ދޮވުމަށްފަހު ކޮންމެ ދުވަހަކުވެސް 10 ވަރަކަށް މިނިޓް ވަންދެން އާދައިގެ ޔޯގަޓް މޫނުގައި ހާކާފަ ބެހެއްޓުމަށްފަހު ދޮވެލާށެވެ. ޔޯގަޓްގައި ހިމެނޭ ލެކްޓިކް އެސިޑް ގެ ސަބަބުން މޫނުގެ ހަން މަޑުކޮށްދީ ތާޒާކަން ގެނެސްދެއެވެ.

3. މޭކަޕް ކުރަން ގެންގުޅޭ ބްރަޝް ތައް ދޮންނާށެވެ. މިކަމަކީ ކޮންމެހެން ކުރަން އާދަކުރަންޖެހޭ ކަމެކެވެ. ގަވައިދުން މޭކަޕް ބްރަޝްތައް ދޮވެ ސާފު ނުކުރާނަމަ މޫނުގައި ބިހި ނަގައި މޭކަޕް ރީތިކޮށް ހާކަން އުނދަގޫވާނެއެވެ. އަދި މީގެ އިތުރުން ބްރަޝްތައް ނުދޮންނަ ކަމަށްވާނަމަ ބެކްޓީރިއާތައްވެސް ފެތުރޭނެއެވެ. ބޭބީ ޝޭމްޕޫ އަކުން ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ބްރަޝްތައް ދޮވެވޭތޯބަލާށެވެ. އަދި ދޮވުމަށްފަހު ރަނގަޅަށް ހިއްކަންވެސް ޖެހޭނެއެވެ.

4. ކާށި ކިރު ލޯޝަނެއްގެ ގޮތުގައި ބޭނުން ކުރާށެވެ. ކާށި ކިރަކީ ވަރަށް ރަނގަޅު މޮއިސްޗަރައިޒަރެކެވެ. އަދި މި ބޭނުން ކުރުމުން ހަންގަނޑު މަޑުވެ އަދި ގައިން މީރުވަސް ވެސް ދުވައެވެ.

5. ބްލެކްހެޑްސް އިން ރައްކާތެރިވާށެވެ. މޫނުގައި ބްލެކްހެޑްސް ނެގުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް ބްލެކްހެޑްސް އިން ރައްކާތެރިވެ އެއިން ސަލާމަތްވެ ހުރުމަކީ މޫނު ރީތިކޮށް ބަހައްޓަން ބޭނުމިއްޔާ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނިދުމުގެ ކުރިން އެކްޕޯލިއޭޓިން ފޭސްވޮޝް އަކުން މޫނު ރަނގަޅަށް ދޮވުމަކީ މިކަމަށްދެވޭ ފަރުވާއެކެވެ.

6. ގިނަ މީހުން މޭކަޕް ކުރާއިރު އެހާބޮޑު އިސްކަމެއް ބުމައަކަށް ނުދެއެވެ. އެކަމަކު ބުމައިގައި ފަންސުރު ނާޅާނަމަ ބުމަ ވަރަށް ބޮޑަށް އައިބުކަމަށް ދައްކާނެއެވެ. ހާއްސަކޮށް މޫނުގައި އެއްކޮށް މޭކަޕް ކޮށްފައި ބުމައެކަނި ދޫކޮށްލުމުން އެބައި މާބޮޑަށް ދައްކާނެއެވެ. އެހެންކަމުން ބުމައިގެ ކުލަޔާއި ވީހާވެސް ގާތް ކުލައެއްގެ ފަންސުރެއް ނުވަތަ ފިހީގައި ލޮލުގައި ހާކައި އައިޝެޑޯ ހޭކުމަށްފަހު ވިއަސް ބުމަ ހުންނަ ޝޭޕަށް އަޅާށެވެ. އަދި މިގޮތަށް އަޅާއިރު ދެބުމަ އެއްވަރަށް އަދި މާ ކުލަ ގަދަ ނުކޮށްވޭތޯ ބެލުން މުހިންމެވެ.

7. ފައިގެ ހަންގަނޑު ކުރަކިވެ ހަރުކަމުގައި ވާނަމަ ޒައިތޫނި ތެޔޮ ބޭނުން ކުރާށެވެ. މި ގޮތަށް ކޮންމެ ރެޔަކު ނިދުމުގެ ކުރިން ފައިގެ ހަންގަޑު މަޑުވަންދެން ތެޔޮހާކައިގެން ނިދާށެވެ. އަދި އޭގެ ފަހުން ހަފްތާއަކު އެއްރޭ ތެޔޮހޭކުން މަދު ކުރެވިދާނެއެވެ.