17 Nov 2023, 15:31
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް، މާލޭ ސިޓީގެ މޭޔަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މުއިއްޒު ހުވާކުރައްވާނީ މިއަދު ހަވީރު 4:45ގައި ޖުމްހޫރީ މައިދާނުގައި އޮންނަ ރަސްމިއްޔާތެއްގައެވެ.
އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްތިއުފާ ދެއްވިކަން އިއުލާންކުރައްވައި ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އެ މަނިކުފާނަށް ދެއްވި އެއްބާރުލެއްވުމަށާއި، ކުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެ އިތުރުން، މާލެ ސިޓީގެ ރައްޔިތުން އެމަނިކުފާނު މޭޔަރު ކަމަށް ހޮވުމަށް ކުރި ތާއީދަށާއި، މޭޔަރު ކަމުގައި ޚިދުމަތް ކުރުމުގައި ދިން ތާއީދާއި އެއްބާރުލުމަށް ވެސް މުއިއްޒު ޝުކުރު އަދާކުރެއްވިއެވެ.
"މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމުގައި ވަރުގަދަ ޢަޒުމުގައި މަސައްކަތްކޮށް، މާތް ﷲ އިރާދަފުޅާއެކު، އެ އުއްމީދުތައް ޙަޤީޤަތަކަށް ހަދައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
މީގެ ކުރިން ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ މުއިއްޒު، މޭޔަރު ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވީ އޭޕްރިލް 2021ގައެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލްސައްތާރު ބޮޑު ތަފާތަކުން ބަލި ކުރައްވައިގެންނެވެ.