މުސްލިމުންގެ ހިތްތަކުގައި އަލްއަޤްޞާގެ ދަރަޖައާއި، މަތިވެރިކަން ބިންވަޅު ނަގައިދިނީ، ކީރިތި ރަސޫލާގެ އިސްރާގެ ދަތުރުފުޅުންކަަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ފަލަސްޠީނާއި އަޤްޞާ މިސްކިތުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލާ މިއަދު ކީ ޚުތުބާގައި ބުނީ، ރަސޫލާއަށް މާތްﷲ ދެއްވި މި ބޮޑު މުއުޖިޒާތަކީ، އިސްލާމް ދީނަށް ޓަކައި އެކަލޭގެފާނު އުފުއްލަވަމުން ގެންދެވި ވޭންތަކާއި، ބަރުދާސްތު ކުރައްވަމުން ވަޑައިގެންނެވި ބުރަތަކަށް ދެއްވި އިލާހީ އިނާމެއް ކަމުގައެވެ.

މިއީ ޤިޔާމަތާ ޖެހެންދެން މުސްލިމުންގެ ހަނދާނުގައި ދެމިއޮންނާނެ މަތިވެރި ޒިކުރާއެއް ކަމަށް ޚުތުބާގައި ބުންޏެވެ. މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"އަލްމަސްޖިދުލް ހަރާމުން އަލް މަސްޖިދުލް އަޤްޞާއަށް އެކަލާންގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާންގެ ހުސްޠާހިރު ވަންތަކާއެވެ! އެއީ އެތަނުގައި ވަށައިގެން ތިމަން ރަސްކަލާންގެ ބަރަކާތް ލެއްވި ތަނެވެ. އެއީ ތިމަން ރަސްކަލާންގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެިން ބައެއް، އެކަލޭގެފާނަށް ދެއްވުމަށްޓަކައެވެ. ހަމަ ކަށަވަރުން، އެކަލާންގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާންގެއެވެ،"

މި ބަސްފުޅުން މުސްލިމުންގެ ބޮލުގައި ވަރަށް ބޮޑު މަސްއޫލިއްޔަތެއް އަޅުއްވާފައި ވާކަމަށް ޚުތުބާގައި ބުންޏެވެ. އެއީ މި މުގައްދަސް މިސްތިކާ ކުޅޭ މީހުންނާއި މި މިސްކިތުގެ ހުރުމަތް ކަނޑާ މީހުންގެ ކިބައިން މި މިސްކިތް ރައްކާތެރިކުރމުގެ ބުރަ މަސްއޫލިއްޔަތެވެ.

ﷲ ރަސޫލާއަށް ދެއްވި މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވީ މަސްޖިދުލް އަޤްޞާ އިންނެވެ. މަސްޖިދުލް އަޤްޞާގައި ހުރިހާ ނަބީބޭކަލުންނާއިި، ރަސޫލު ބޭކަލުންނާއިގެން އިމާމުވެ ވަޑައިގެން ނަމާދުފުޅު ކުރެއްވުމަށް ފަހުގައެވެ. ހުރިހާ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުން ރަސޫލާގެ ރިސާލަތު ގަބޫލު ކުރުމަށް ފަހުއެވެ.

ޚުތުބާގައި ބުނީ، މުސްލިމުންނަށް މުގައްދަސް ތިން މިސްކިތެއް ލިބިގެން ވާކަމަށެވެ. އެއީ މައްކާގެ އަލްމަސްޖިދުލް ހަރާމާއި، ކީރިތި ރަސޫލަ ބިނާކުރެއްވި އަލްމަސްޖިދުއް ނަބަވީއާއި، ފަލަސްތީނުގެ ޤުދުސުގައި ބުނާކުރެވިފައިވާ އަލްމަސްޖިދުލް އަޤްޞާއެވެ.

މި ތަންތަނަކީ އުންމަތާ ހަވާލުކުރައްވާފައިވާ އަމާނާތެއްކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ، އެއީ މުސްލިމުންގެ އީމާންތެރިކަމާއި، އެއްބައިވަންތަކަމާއި، ހޭލުންތެރިކަން މިނެދޭ ތާރެސް ކަމުގައެވެ. އަދި ރަސޫލާއަށް ވަފާތެރިވާ މިންވަރު ވަޒަންކުރާ ތިލަފަތް ކަމުގައެވެ.