ޔޫރޯ ކޮލިފައިން ގްރޫޕް އޭ ގައި ސްޕެއިން އާއި ސައިޕްރަސް ބައްދަލު ކުރި މެޗް ސްޕެއިން ކާމިޔާބުކޮށްފިއެވެ.

ސައިޕްރަސްގައި ކުޅުނު މި މެޗް ސްޕެއިން އިން ކާމިޔާބުކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދަފައި ވަނީ ސްޕެއިން އިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފަސް ވަނަ މިނެޓްގައި ޖަހައި ލީޑު ނަގައިފައިވަނީ ސްޕެއިން އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އުމުރުން 16 އަހަރުގެ ލެމީން ޔަމާލްއެވެ.

މިއީ އޭނާ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ. އޭނާ ވަނީ ސްޕެއިން އާއި ޖޯނިއާ ބައްދަލުކުރި މެޗްގައި ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑައެކު ސްޕެއިން ޤައުމީ ޓީމަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މި މެޗްގައި ސްޕެއިންގެ ދެވަނަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހައިދިނީ މިކޭލް އޮޔަރްޒަބާލްއެވެ. އަދި މެޗްގެ 28 ވަނަ މިނެޓްގައި ސްޕެއިންގެ ތިން ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހޮސެލޫއެވެ. މި މެޗްގައި ސައިޕްރަސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހައިދިނީ ކޮސްޓަސް ޕިލެއާސްއެވެ.

މި ކާމިޔާބާއެކު މިހާރުވެސް ޔޫރޯއިން ޖާގަ ކަށަވަރުވެފައިވާ ސްޕެއިން މިހާރު އުޅެނީ ހަތް މެޗުން ލިބިފައިވަ 18 ޕޮއިންޓާއެކު ގްރޫޕް އޭގެ އެއް ވަނައިގައެވެ. އަދި ސައިޕްރަސް އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ. މި ގްރޫޕްގެ ދެވަނައިގައި އުޅޭ ސްކޮޓްލަންޑާއި ޖޯޖިއާ ބައްދަލުކުރި މެޗް ދެ ލަނޑު ދެ ލަނޑުން ނިމުނީ އެއްވަރު ވެގެންނެވެ.

ސްކޮޓްލަންޑުން މިހާރު ވެސް ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ޔޫރޯ މުބާރާތުގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ހަތަރު ވަނައިގައި އުޅޭ ޖޯޖިއާއަށް ޕްލޭ އޮފް ޖާގައަކަށް ވާދަ ކުރުމުގެ ފުރުސަތު އަދިއެބައޮތެވެ. ނަމަވެސް ޖޯޖިއާއަށް އެ ފުރުސަތު ލިބިގެންދާނީ ފަހު މެޗްގައި ސްޕެއިން އަތުން މޮޅުވެ އަދި ސްކޮޓްލަންޑާއި ތިންވަނައިގައި އުޅޭ ނޯވޭ ބައްދަލު ކުރާ މެޗުން ސްކޮޓްލަންޑް މޮޅުވެގެންނެވެ.