20 May 2012, 16:19
ބ. ތުޅާދޫގައި ރޭ ބަޔަކު ހަމަނުޖެހުން ހިންގައި އެރަށުގެ މަސްވެރިންގެ ހިޔަލަށް ގެއްލުން ދީފި އެވެ.
ތުޅާދޫ ޑީއާރްޕީ ގޮފީގެ ނާއިބް ރައީސް އަލީ ނިމާލް މިއަދު ވިދާޅުވީ ރަށުގެ އަތިރިމަތީގައި ހުންނަ މަސްވެރިންގެ ހިޔަލަށް ގެއްލުންދީ އެތާނގެ ޓީވީ އާއި ކަނޑުމަތީގައި އުޅޭ މަސްވެރިން މުއާސަލާތު ކުރާ ސެޓް ހަލާކުކޮށްލާފައިވާ ކަމަށާއި އެތަކެއްޗަށް ގެއްލުންދީފައި ވަނީ ރޭ ދަންވަރު ކަމަަށެވެ.
އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސްވެރިންގެ ހިޔަލުގައި ތިއްބާ އެމްޑީޕީގެ ޖަލްސާ ނިމުމާއެކު ޖަލްސާގައި ތިބި އެންމެން އެއްކޮށް އައިސް އެތާގައި ހުރި ޓީވީއާ މަސްވެރިންނާ ގުޅުމަށް ބޭނުން ކުރާ ސެޓް ތަޅާ ސުންނާފަތިކޮށްލީ. އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މަސްވެރިންގެ ހިޔަލަށް ގެއްލުން ދިނީ ކޮން ބައެއްކަން އެނގޭ ކަމަށާއި ހަމަލާދީފައި ވަނީ އެ ރަށުގައި ރޭ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންވި އެމްޑީޕީގެ ޖަލްސާ ނިންމާލުމަށްފަހު އެތަނަށް އައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ކަމަށް އެރަށުގެ ބައެއް މީހުން ބުނެ އެވެ. އެ ގެއްލުން ދިނީ އެމްޑީޕީގެ ޖަލްސާ ހިނގަމުން ދަނިކޮށް ޑީއާރްޕީ ސަޕޯޓަރުންތަކެއް އެ ސަރަހައްދުގައި ލަވަ ޖެހުމުން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
ނިމާލް ވިދާޅުވީ އެމްޑީޕީގެ ޖަލްސާ ހިނަގަމުން ދިޔަ ވަގުތު ބަޔަކު ގޮސް ލަވަޖަހައި ޝުއޫރު ފާޅުކުރީ ނަޝީދު އެރަށަށް ވަޑައިގެންނެވި އިރު އަތިރިމަތީގައި ޑީއާރްޕީން ދަމާފައިވާ ބެނާތައް ނުފެންނަ ގޮތަށް އެމްޑީޕީން ރީނދޫ ފޮތި ދެމުމުން ކަމަށާއި ރައީސް މިއަދު ހެނދުނު ފުރާވަޑައިގަތުމުގެ ކުރިން މަސްވެރިންގެ ހިޔަލަށް ވަޑައިގަތުމުން އެމަނިކުފާނަށަށް އެވާހަކަ ދެންނެވުމުން އެކަމަކީ އެމަނިކުފާނަށް އެނގިވަޑައިގެން ހިނގާފައިވާ ކަމެއް ނޫންކަމަށް ކުރީގެ ރައީސް ވިދާޅުވި ކަމަށެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ރޭ ޖަލްސާ ނިމުނު ފަހުން މަސްވެރިންގެ ހިލަޔަލުގެ ކައިރިއަށް ގިނަ ބަޔަކު އެއްވެ ޒުވާބުކުރި ކަމަށާއި މިއަދު ހެނދުނު އެތަނަށް ވަޑައިގެންނެވި އިރު ޓީވީ ހަލާކުކޮށްލާފައި ހުރި ކަމަށެވެ. އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.