18 Nov 2023, 10:06
މިއަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ގްރޫޕް ޖޭގައި ޕޯޗުގަލް އާއި ލިކްޓަންސްޓައިން ބައްދަލުކުރި މެޗް ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ.
ލިކްޓަންސްޓައިންގައި ކުޅުނު މި މެޗް ޕޯޗުގަލް ކާމިޔާބުކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ޕޯޗުގަލްއިންނެވެ. ނަމަވެސް ލިކްޓަންސްޓައިން އިން ވަނީ މިހާރު ވެސް މި އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވެފައިވާ ޕޯޗުގަލްއަށް ފުރަތަމަ ހާފްގައި ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލާއިފައެވެ.
މި މެޗްގައި ޕޯޗުގަލްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ފުރަތަމަ މިނެޓްގައި އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭނާ ޕޯޗުގަލް ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން 128 ވަނަ ލަނޑެވެ. މިއާއެކު ރޮނާލްޑޯ މިވަނީ އޭނާގެ ލަނޑު ޖެހުމުގެ ރިކޯޑަށް އިތުރު ގޯލެއް އިތުރު ކޮށްފައެވެ. އަދި މިއީ އޭނާ މި އަހަރުގެ ތެރޭގައި ޕޯޗުގަލްއަށް ކާމިޔާބުކޮށްދިން 10 ވަނަ ލަނޑެވެ. މި މެޗްގައި ޕޯޗުގަލްގެ ދެވަނަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހައިދިނީ ޖާއޮ ކަންސޭލޯއެވެ.
މި ކާމިޔާބީއާއެކު ޕޯޗުގަލް މިހާރު އުޅެނީ ގްރޫޕް ޖޭގައި ކުޅުނު ނުވަ މެޗްވެސް ކާމިޔާބުކޮށް ލިބިފައިވާ 27 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މިގްރޫޕްގައި ސްލޮވާކިއާ އާއި އައިސްލަންޑް ބައްދަލުކުރި މެޗް ހަތަރު ލަނޑު ދެ ލަނޑުން ކާމިޔާބުކޮށްފައިވަނީ ސްލޮވާކިއާއެވެ. މިއާއެކު ސްލޮވާކިއާވެސް މިވަނީ މިއަންނަ އަހަރުގެ ޔޫރޯ މުބާރާތުން ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ޖާގަ ކަށަވަރު ކޮށްފައެވެ. ސްލޮވީނިއާއަށް ލިބިފައިވާ 19 ޕޮއިންޓެވެ.
އަދި މިގްރޫޕުން ޕްލޭ އޮފްގައި ވަދަ ކުރާނެ ޓީމެއްގެ ގޮތުގައި ލަބްޒެމްބާގްވެސް ވަނީ ހަމަޖެހިގެން ގޮސްފައެވެ. ލަގްޒެމްބާގް ވަނީ ބޮސްނިއާ ހާޒެގޮވީނާ އާއި ބައްދަލުކުރި މެޗް ހަތަރު ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްފައެވެ.