ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް މަސްތޫރު ޙުސްނީ އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަސްތޫރަކީ ޖޭއެސްސީއަށް އައްޔަން ކުރައްވަފައިވާ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެވެ. އޭނާ މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ، 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވުމާ ގުޅިގެން ޖޭއެސްސީން ވަނީ އޭނާ ކޮށްދެއްވާފައިވާ މަސައްކަތްތަކައް ޝުކުރު އަދާކުރައްވާފައެވެ.

ޖޭއެސްސީގެ މެމްބަރުކަމުން ގާނޫނީ ވަކީލު އަބްދުލް މާނިއު ހުސެއިން ވެސް ވަނީ މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވާފައެވެ. މާނިއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވި ނަމަވެސް، އެގޮތަށް ނިންމެވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

މާނިއު ޖޭއެސްސީގައި ހުންނެވީ ގާނޫނީ ވަކީލުން ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

އިސްތިއުފާއަށް ފަހު އިއްޔެ މާނިއު ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކޮށްފައެވެ.

މީގެ އިތުރުން، މިދިޔަ ބުދަ ދުވަހު ވަނީ މަޖިލީހުގެ އާ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ޖޭއެސްސީއަށް އައްޔަން ކުރައްވާފައެވެ.

އަސްލަމް މި މަގާމަށް އައްޔަންކުރެއްވީ، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހޯމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީ އެކުލަވާލެވިފައި ވާގޮތް ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ދައުރު ހަމަވިއިރު އެކަން ނުވެ އޮތުމަކީ އިދިކޮޅުގެ ބޮޑު ކަންބޮޑުވުމެކެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޖޭއެސްސީގެ އޮނިގަނޑު ބަދަލުކޮށް ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަން ކުރުމަށް ވައުދުވެވަޑައިގެންފައެވެ.