18 Nov 2023, 11:13
މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި، ކުރީގެ މުސްކުޅި ގަޑިބުރު އަލުން އިމާރާތްކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމައިލައިފިއެވެ.
އެ މަސައްކަތް ފެށީ އިއްޔެއަށް ނިންމައި ހުޅުވާ ގޮތަށެވެ.
ގަޑިބުރު އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރްސީސީ)ންނެވެ.
މި މަސައްކަތުގެ ތަފުސީލު ހިއްސާކުރައްވަމުން މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކުރީގެ ކައުންސިލަރު އާދަމް ރަމީޒް މީގެ ކުރިން "ސަން"އަށް ވިދާޅުވީ އެއީ ކުންފުންޏެއްގެ ސީއެސްއާރްގެ ދަށުން، އާރްސީސީއާ ކޮންޓްރެކްޓްކޮށްގެން ކުރި މަސައްކަތެއް ކަމަށެވެ.
ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ރަމީޒް ވިދާޅެއް ނުވެއެވެ.
އެހެންކަމުން މި ޕްރޮޖެކްޓަށް ސިޓީ ކައުންސިލުން އެއްވެސް ޚަރަދެއް ނުކުރާކަަމަށް އޭނާ ވިދާޅުވިއެވެ. ރަމީޒް ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާއެވެ.

މާލޭގެ ގަޑިބުުރު ތަރައްގީކޮށް ނިމިފައި -- ފޮޓޯ/ ސޯޝަލް މީޑިއާ
ގަޑިބުރުގެ މަސައްކަތް ނިމި، މިހާރު އެ ތަން ފެންނަން ހުރިއިރު، ރޭގަނޑު ގަޑިބުރު ދިއްލައިލުމުން މަންޒަރު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ގަޑިބުރު ވަށައިގެން ހުންނަ ލެޑް ޕެނަލްތަކުގައި އެކި ފަރުމާތައް ދިއްލައިލައެވެ.
އިސްލާމީވަންތަކަން ރަމްޒުވާ ފަރުމާއަކަށް ތަރައްގީކޮށްފައިވާ ގަޑިބުރުގައި ހަތަރު ފަރާތުން ފެންނާނެހެން ގަޑިތައް ހުރެއެވެ.
ގަޑިބުރަކީ މާފަންނު ފަރީދީމަގާއި، ފަނޑިޔާރު މަގު އަދި އޯކިޑް މަގާއި ފުނަ ގޯޅި ގުޅޭ ގޮތަށް ހުންނަ ތަނެކެވެ.