17 Nov 2023, 11:44
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ރައީސް ޞާލިޙް ބައިވެރިވެ ވަޑައިނުގަންނަވާކަން އަދި އެނގިފައި ނުވާކަމަށެވެ.
ޑރ. މުއިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މަގާމުގެ ޤާނޫނީ ހުވައި ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
މި ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު ފޮނުވާފައި ވަނިކޮށް ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވަން ނިންމަވާފައެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ބޭރު ގައުމުތަކުގެ އިސް ވެރިން ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
އެގޮތުން ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ އަދި ޗައިނާގެ ރައީސް ޝީ ޖިޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޗިން ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
އިންޑިއާއިން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ވަޑައިގަތީ އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫއެވެ.
ސީޝެލްސްއިން އެގައުމުގެ ނައިބު ރައީސް އަހުމަދު އަފީފް ރާއްޖެ ވަޑައިގެންފައިވާއިރު، ދެކުނު ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބު އަދި ބުސާން ސިޓީގެ މޭޔަރު ޕާކް ހިއުޖޫން ވެސް ވަޑައިގެންފައެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބު އަދި ފޮރިން މިނިސްޓްރީގެ ނައިބު ކޮމުރާ މަސައިއޯ ވެސް ވަނީ މި ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންފައިވެއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ބުނެފައި ވާގޮތުގައި، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވައިގެން 46 ގައުމަކުން ގިނަ އަދަދެއްގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވާނެއެވެ.