އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވާލްޑް ކަޕްގެ ފައިނަލްގެ ފަހު ޖާގަ އޮސްޓްރޭލިއާއިން ކަށަވަރުކޮށްފިއެވެ.

މިމުބާރާތުގެ ފައިނަލުން އޮސްޓްރޭލިއާ ޖާގަހޯދީ ސެމީފައިނަލްގައި ދެކުނު އެފްރިކާ އާއި ބައްދަލުކޮށް ތިން ވިކެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ކޮލްކަޓާގައި ކުޅުނު މިމެޗްގެ ޓޮސް ދިމާވުުން ދެކުނު އެފްރިކާއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެޓީމުން އެންމެ ފުރަތަމަ ކުޅެން އަރާ 49 އޯވަރު 4 ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 212 ލަނޑެވެ.

ދެކުނު އެފްރިކާ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 101 ލަނޑު ހަދައިދިން ޑޭވިޑް މިލާއެވެ. މީގެއިތުރުން ހެއިންރިކް ކްލާސެންވަނީ 47 ލަނޑު ހަދައިދީފައެވެ. މިފަހަރުގެ މުބާރާތުގައި ވަރަށް ރަނގަޅަށް ބެޓިން ކުރަމުން އައިސްފައިވާ ދެކުނު އެފްރިކާގެ ގިނަ ކުޅުންތެރިންތަށް މާރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ. މިގޮތުން ފުރަތަމަ ހަތަރު ވިކެޓް ދިޔައިރު ހެދިފައިވަނީ 24 ލަނޑެވެ. މިއީނިންގްސްގައި އޮސްޓްރޭލިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 34 ލަނޑަށް 3 ވިކެޓް ނަގައިދިން މިޝޭލް ސްޓާކް އާއި 9 އޯވަރު 4 ބޯޅަ 51 ލަނޑަށް 3 ވިކެޓް ނަގައިދިން ކެޕްޓަން ޕެޓް ކަމިންސްއެވެ.

ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އަރާ 47 އޯވަރު 2 ބޯޅައަށް 7 ކުޅުންތެރިން ނުބައިވެގެން 215 ލަނޑު ހަދައި މެޗް ކާމިޔާބުކޮށް ފައިނަލުން ޖާގަހޯދިއެވެ. މިމެޗްގައި އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 62 ލަނޑު ހަދައިދިން ޓްރެވިސް ހެޑްއެވެ. މީގެއިތުރުން ސްޓީވެން ސްމިތުވަނީ 30 ލަނޑު ހަދައިދީފައެވެ. މިއީނިންގްސްގައި ދެކުނު އެފްރިކާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 42 ލަނޑަށް 2 ވިކެޓް ނަގައިދިން ތަބްރައިޒް ޝަމްސީ އާއި 9 އޯވަރު 47 ލަނޑަށް 2 ވިކެޓް ނަގައިދިން ޖެރާޑް ކޮއެޓްޒީއެވެ.

މިއަންނަ އާދިއްތަ ދުވަހު އިންޑިއާގެ އަހްމަދުއާބާދުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމްކަމަށްވާ ނަރެންދުރަ މޯޑީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގައި އޮސްޓްރޭލިއާ ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު އިންޑިއާގެ ޓީމާއެވެ. ވަރަށް ފޯރިގަދަ ފައިނަލް މެޗެއް ފެނިގެންދާނެކަމަށް ދެޓީމްގެ ފަރާތުން ވެސްއަންނަނީ ބުނަމުންނެވެ.

އިންޑިއާއިން މިފަހަރުގެ މުބާރާތުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު އޮސްޓްރޭލިއާއިންވެސް މުބާރާތުގެ ފުރަތަމަ ދެމެޗުން ބަލިވި ފަހުން ހުރިހާ މެޗެއް އަންނަނީ ކާމިޔާބު ކުރަމުންނެވެ. އިންޑިއާއިން ގްރޫޕް މަރްހަލާފައިގާ އޮސްޓްރޭލިއާ ބަލިކޮށްފައިވީ ނަމަވެސް ފައިނަލް މެޗް ފަސޭހަ ނުވާނެކަމަށް އިންޑިއާ ޓީމުން އަންނަނީ ބުނަމުންނެވެ. އަދި އިންޑިއާގެ ރައްޔިތުން ގަބޫލް ކުރާ ގޮތުގައި އޮސްޓްރޭލިއާ އަކީ މިލެވެލްގައި ވަރަށް ތަޖްރިބާހުރި ޓީމަކަށް ވުމުން އެކަމުގެ އުނދަގޫ އިންޑިއާގެ ޓީމަށް އޮންނާނެއެވެ.